މަރުވިމީހާގެ ހަށިގަނޑު ސަފާރީ ބޯޓަކަށް ނަގަނީ.-- ފޮޓޯ: އެކްސް
ޑައިވިން ދޯންޏެއްގެ ބުރަފަތީގެ ޖެހި، ޓޫރިސްޓަކު މަރުވެއްޖެ
ފިޔެސް 1 އޭޕްރީލް 2026 (ބުދަ)   13:42
އދ.އަތޮޅުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު، ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިންގޮތުގައި ފެންފުށި ވޭލް ޝާކް ޕޮއިންޓަށް އެރި އުޅެނިކޮށް ޖަރުމަނުގެ ފިރިހެނެއް މަރުވެގެން ހެނދުނު 10 ޖަހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ "ހޮރައިޒަން 3" ސަފާރީ އަށް ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ޓޫރިސްޓެކެވެ.

އެ ސަފާރީގެ ޑައިވިން ދޯނީގައި ޑައިވިންކޮށް ނިންމާފައި އައި ވަގުތު އެ ސަރަހައްދުން ފެމުނު މިޔަރެއް (ވޭލް ޝާކް) ތިލަވިތަން ފެނުމާއެކު، އެ ދޯނީގައި ތިބި ޓޫރިސްޓުންގެ ތެރެއިން ތިން މީހަކު ވަރަށް އަވަސް އަވަހަށް މޫދަށް ފުންމާލީ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. 

އޭރު އެ ދޯނިހުރީ ފަހަތަށް ޖަހާފައި ކަމަށްވުމާއެކު އެތަނުން އެކަކު އެނބުރި އެނބުރި ހުރި ދޯނީގެ ބުރަފަތީގައި ޖެހި އޮޅުނީ ކަމަށްވެއެވެ. 

"ވޭލްޝާކަށް ސްނޯކަލް ކުރަންވެގެން ދޯނި ފަހަތަށް ޖަހާފައިހުރި ވަގުތެއްގައި ގެސްޓުމީހާ ފުންމާލީމަ ބުރަފަތީގައި އޮޅުނީ." އެ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ. 

އެމީހާ އޮތީ ބުރަފަތީގަައި ވަރަށް ބޮޑަށް އޮޅިފައި ކަމަށާއި، އެހެންވެ ފުލުހުން އަންނަންދެން އެގޮތަށް ބާއްވާފައި އޮތީ ކަމަށްވެސް މައުލޫމާތު ލިބިފައި ވެެއެވެ. 

މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުން ދިންނަމަވެސް، އެ މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް