މާލެ ސިޓީ މޭޔަރ އާދަމް އާޒިމް، އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި.--
ޕީއެންސީގެ މެޖޯރިޓީ އޮވެ ނުކޮށްދިން ކަމެއް ދެން މެޖޯރިޓީ ދިނަސް ނުކުރާނެ: މޭޔަރ އާޒިމް
3 އޭޕްރީލް 2026 (ހުކުރު)   09:53
ދައުލަތުގެ ހުރިހާ ބާރަކާއި ކައުންސިލުގެ ސާފު އަޣުލަބިއްޔަތު އޮވެމެ، ރައްޔިތުންނަށް ޚިދުމަތް ނުދެވުނު ބަޔަކަށް ދެން އިތުރަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު އާދަމް ޢާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ނިންމުމަށް ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހާއި މާލޭ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު އޮތީ ވެރިކަންކުރާ ޕީއެންސީ ގައެވެ.

ނަމަވެސް އެހާ ބޮޑު ބާރުވެރިކަމެއް އޮތެއް ކަމަކު، މިހާތަނަށް ރައްޔިތުންނަށް ފައިދާހުރި ކަމެއް ސަރުކާރުން ކޮށްދީފައި ނުވާކަމަށް ޢާޒިމް ވިދާޅުވިއެވެ. އަދި ހަގީގަތް އޮޅުވާލައިގެން ރައްޔިތުން މޮޔަހެއްދޭނެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށާއި، ދިވެހި ރައްޔިތުންނަކީ ވާނުވާ އެނގޭ ބައެއް ކަމަށް، އާޒިމް ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭ މާލޭ ސިޓީ ކައުންސިލުގައި އޭނާ މަސައްކަތްކުރެއްވީ ބޮޑެތި އުނދަގޫތަކުގެ ތެރޭ ކަމަށާއި، ނަމަވެސް އެއްވެސް އިރަކު ޒިންމާތަކުން ރެކިވަޑައިގަތުމަށް އުޒުރެއް ދައްކަވާފައި ނުވާނެކަމަށް ޢާޒިމް ވިދާޅުވިއެވެ.

މިހާރު ފެންނަމުންދަނީ ރައްޔިތުންގެ ޝަކުވާތަކަށް ސަރުކާރުން ފުރުސަތު ނުދީ، އެ އަޑުތައް ކަނޑުވާލަން މަސައްކަތް ކުރާ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދޭނީ އަމާނާތްތެރި ހިދުމަތެއް. ބާރުތައް މުށްބާރުކޮށްގެން ތިބެ ރައްޔިތުންނަށް ހިދުމަތް ނުދޭ ބަޔަކަށް ދެންވެސް ކުރެވޭނެ ކަމެއް ނޯންނާނެ،" ޢާޒިމް ވިދާޅުވިއެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން، ޢާޒިމްގެ މަސައްކަތްތަކަށް ތައުރީފުކުރައްވައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މާލޭގެ ތަރައްގީއަށްޓަކައި ޢާޒިމް ފަދަ އިޚުލާސްތެރި ބޭފުޅަކު ނުލިބޭނެ ކަމަށެވެ.

އެހެންކަމުން، ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް