
ހުޅުމާލޭގައި އެމްޑީޕީން ރޭ ބޭއްވި ހާއްސަ ކެމްޕޭނު ޖަލްސާއެއްގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އާޒިމް ވިދާޅުވީ، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ ގާތަށް ކުރި ޒިޔާރަތްތަކުން އެނގިގެންދިޔައީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަން ކަމަށާ، އެހެންކަމުން، ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިދީފިނަމަ، ރައީސް އޮފީހާއި އެޗްޑީސީގެ ދޮރުމަތީގައި ތިބެގެން ނަމަވެސް ރައްޔިތުންގެ ހައްގުތައް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކުރަމުންދާއިރު، އޭގެ އެއްވެސް މަންފާއެއް ރައްޔިތުންނަށް ނުފެންނަކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އޭގެ ބަދަލުގައި މި ސަރުކާރުން ރައްޔިތުން ބިކަކޮށްފި ކަމަށާ، އެމްޑީޕީއަށް ނޫނީ ރައްޔިތުންގެ ހައްގުތައް ހޯދައި ނުދެވޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި އާޒިމް ވިދާޅުވީ، މިހާރުގެ ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ހަމައެކަނި ސަރުކާރުގެ އިސްވެރިންނަށް މަންފާ ހޯދައިދޭން މަސައްކަތްކުރާ ސަރުކާރެއް ކަމަށާ، ވަކިން ހާއްސަކޮށް ރައްޔިތުންނަށް ދޭންޖެހޭ އާސަންދައާއި ބޭސްފަރުވާގެ ހިދުމަތްތަކުގެ އިތުރުން ކުރީ ސަރުކާރުން ދޭން ނިންމާފައިވާ ގޯތިގެދޮރުގެ މައްސަލައިގައި ވެސް މި ސަރުކާރުން އިހުމާލުވަމުންދާ ކަމަށެވެ.
އަދި އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލްގެ ބާރުތަކާ ގުޅޭގޮތުންވެސް އާޒިމް ރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން 100 ދުވަސް ތެރޭގައި އެޗްޑީސީގެ ބާރުތައް ސިޓީ ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް އަދިވެސް އެކަން މި ސަރުކާރުން ކޮށްފައިނުވާ ކަމަށެވެ.
އަދި ހުޅުމާލޭގެ ރައްޔިތުންނަށް ބޭނުންވާ ބަނދަރު ފަދަ އަސާސީ ހިދުމަތްތައް ނުލިބި ރައްޔިތުން ބިކަވަމުންދާ ކަމަށާއި، މި ކަންކަން ހައްލުކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދީ ކައުންސިލްގެ އަގުލަބިއްޔަތު ދިނުމަށް އާދަމް އާޒިމް ރޭގެ އެމްޑީޕީ ކެމްޕޭނު ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.




