
މި ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެވެ.
އެމްޓީސީސީ މެދުވެރިކޮށް އޮޕަރޭޓްކުރާ މާލެ ޓެކްސީ ލައިނަކީ މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ފަރުމާކުރައްވާފައިވާ ހިދުމަތެކެވެ.
މިރޭގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ، 150 ކާރާ އެކު ފެށި ހިދުމަތުން ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.
މި ޓެކްސީ ލައިންގެ ހާއްސަ ސިފަތަކަށް ބަލާއިރު، ހިދުމަތުގައި ބޭނުންކުރާނީ 100 އިންސައްތަ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކެވެ. މިގޮތުން ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ 150 ކާރު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. ތިން ސައިޒެއްގެ ކާރުތައް ހިމެނޭ މި ލައިންގެ ޚިދުމަތް އާންމުންނަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މާލޭގެ މަގުތަކުގެ ހާލަތަށް ބަލައި، ދުއްވަން ފަސޭހަ މޮޑެލްތަކުގެ ކާރުތައް އިޚްތިޔާރު ކުރުމަށް ވަނީ ވަރަށް ބޮޑަށް އިސްކަންދީފައެވެ. އަދި މި ޚިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވާއިރު، އޭގެ ތެރޭގައި 285 ފުލްޓައިމް ޑްރައިވަރުންނާއި 122 ޕާޓްޓައިމް ޑްރައިވަރުން ހިމެނެއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި ވަނީ ޑިޖިޓަލް ބުކިން ސިސްޓަމް މެދުވެރިކޮށެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސަރުކާރުން ފެށި މި އައު ޓެކްސީ ލައިންގެ ހިދުމަތާއެކު، މާލޭ ސަރަހައްދުގައި ދަތުރުކުރުމަށް ރައްޔިތުން އުފުލަމުންދިޔަ ބޮޑު ތަކުލީފަށް ނިމުމެއް އައިސް، މުޅި ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.




