
ތެލުގެ އަގަށް ކުއްލިއަކަށް ބަދަލު އަންނަން ފަށާފައި މިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ދެ ހަފުތާގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށާއި، ތެޔޮ އުފުލުމުގައި ދުނިޔޭގައި އެންމެ މުހިންމު ރާސްތާ ކަމަށްވާ ހޮރުމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އިރާނުން އެއްބަސްވުމާ ގުޅިގެންނެވެ.
އެހެންކަމުން މިހާރު، ބައިނަލްއަގުވާމީ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު ހުރީ 90 ޑޮލަރުގައެވެ. މިއީ 15 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، ފެބްރުއަރީ މަހުގެ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ 70 ޑޮލަރުގައެވެ. އެހެންކަމުން އެއިރާ އަޅާބަލާއިރު އަދިވެސް މިއީ މަތީ އަގެކެވެ.
އަދި ހަމަ، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހިއްސާގެ ބާޒާރުތަކަށް ވެސް މިއަދު މިވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ޖަޕާނުގެ ނިކޭ 225 އިންޑެކްސް 4.5 އިންސައްތަ މައްޗަށް ދިޔައިރު، ދެކުނު ކޮރެއާގެ ކޮސްޕީ ވަނީ 5.5 އިންސައްތަ އުފުލިފައެވެ. މީގެ އިތުރުން ހޮންކޮންގްގެ ހޭންގް ސެންގް 2.8 އިންސައްތަ އަދި އޮސްޓްރޭލިއާގެ އޭއެސްއެކްސް 200 ވަނީ 2.5 އިންސައްތަ މައްޗަށް ގޮސްފައެވެ.
ރައީސް ޓްރަމްޕް މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި، އީރާނުން ހޯމުޒް ކަނޑުއޮޅި ފުރިހަމައަށް އަދި ރައްކާތެރިކަމާއެކު ވަގުތުން ހުޅުވާލަން އެއްބަސްވާނަމަ، ދެ ހަފުތާގެ މުއްދަތަށް އީރާނަށް ބޮން އެޅުމާއި ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވާނެ ކަމަށް ބުނެފައި ވާއިރު، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެފައިވަނީ، އީރާނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ، ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާ، އެއްވެސް ހަމަލާއެއް ރައްދުނުކުރާނެ ކަމަށެވެ.




