މިފްކޯއިން އުފައްދާ މަސްދަޅުގެ ބާވަތްތަކެއް.--
މިފްކޯއިން ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި
މަރްޔަމް މުޙައްމަދު 6 އޭޕްރީލް 2026 (ހޯމަ)   15:05
ސަރުކާރު މަސް ކުންފުނި, މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ، ތެޔޮ މަސްދަޅުތަކުގެ އަގު ބޮޑުކުރީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.

އެހެންކަމުން، 17.50 ރުފިޔާއަށް ވިއްކަމުން އައި މަސްދަޅު ދެން ލިބޭނީ 18.50 ރުފިޔާއަށެވެ.

މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށެވެ. ކުރިން ކޭހެއް ލިބުނީ 760ރ. އަށެވެ.

މިހާރު ފިހާރަތަކުގައި ތެޔޮ މަސްދަޅެއް ވިއްކަނީ 18ރ. ނުވަތަ 19ރ. އަށެވެ. މިފްކޯއިން އެ ގެނައި ބަދަލާއެކު މަސްދަޅެއްގެ އަގު 20ރ. އިން މައްޗަށް އަރާނެ އެވެ.

މިފްކޯއިން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވެފައިވިޔަސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަށެވެ.

ހަނގުރާމަ އާ ގުޅިގެން ކުންފުނީގެ ހަރަދުތައް ކުޑަކުރަން މިފްކޯއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިއަދުން ފެށިގެން ކުންފުނީގެ ރަސްމީ ވަގުތު ވަނީ ކުރުކޮށްފަ އެވެ.

މިފްކޯގައި މިހާރު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. ނަމަވެސް، މިއަދުން ފެށިގެން އެ ވަގުތު ވަނީ ހެނދުނު 8 އިން މެންދުރު 2 އަށް ކުރުކޮށްފަ އެވެ.

ކޮމެންޓް