
އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ސޮއިކުރައްވާ މަޖިލިސް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲއަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީސްމެންބަރުން 4 ޑިސެމްބަރު 2024 އިން ފެށިގެން 13 ޖަނަވަރީ 2026 އަށް ވަޒީރުންގެ ފަރާތުން ޖަވާބުހޯދުމަށް 62 ސުވާލެއް ހުށަހަޅާފައި ވާއިރު، މިއަދާ ހަމައަށް އެއްވެސް ޖަވާބެއް ލިބިފައި ނުވުމުން ހިތާމައާ އެކުގައި އެކަން ފާހަގަކުރައްވާ ކަމަށެވެ.
މިކަން ކުރުމަށް ކަނޑައެޅިގެން ގާނޫނަކުން ލާޒިމުކޮށްފައި ވާއިރު، މިކަން ނުކުރެވި ވުމުން އެކަން ބައްލަވައިދެއްވުމަށް ކުޑޫ ވަނީ މަޖިލިސް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަޖިލީހުގެ ގަވާއިދުގައި ވާގޮތުގެ މަތިން ދައުލަތުގެ ވަޒީރުންނާ ސުވާލު ކުރުމަށް އެދި ހުށަހަޅާތާ އެތައް ދުވަހެއް ފާއިތުވެގެންދާއިރު ވެސް ވަޒީރުންނާ ސުވާލު ކުރުމަށް އެޖެންޑާ ނުކުރާތީ އާއި ސަބަބެއް ބަޔާން ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކައިލް އަހުމަދު ނަސީމް ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ.
މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގާ ބާރު ޖަވަބުދާރީ ކުރުވުމުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ.
ނަމަވެސް ދައުލަތުގެ ވަޒީރުންނާ ސުވާލު ކުރުމަށް މަޖިލީހުގެ ރައީސް މެދުވެރިކޮށް މެންބަރުން ފޮނުވާފައިވާ ނޯޓިހުގެ މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފާއިތުވެގެންދިޔައިރު ވެސް އެ ވަޒީރުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދީފައި ނުވާ ކަމަށާއި ވަޒީރުންނާ ސުވާލު ކުރުން މަޖިލީހުގެ އެޖެންޑާގައި ނުހިމަނައި މަޖިލީހުގެ ރައީސް ލަސް ކުރަމުންދާ ކަމަށް މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.
އެއްވެސް މަގުބޫލު ސަބަބެއް ނެތި، ސަބަބު ބަޔާން ކުރުމެއް ވެސް ނެތި މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ރައީސް ނުބާއްވާކަން ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެ ކަންކަމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް ވާތީ މީކާއިލްގެ ގަރާރުގައި ގޮވާލާފައި ވަނީ މަޖިލީހުގެ މެންބަރުން އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށެވެ.
ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލީހުގެ އެޖެންޑާގައި ނުހިމަނާ މައްސަލަ އާއި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލައިގައި ގަރާރެއް ހުށަހަޅާފައިވާއިރު، ވަޒީރުންނާ ސުވާލު ކުރުމަށް އެމްޑީޕީގެ އިތުރުން އަމިއްލަ ބައެއް މެންބަރުން ހުށަހަޅުއްވާފައިވާ ސުވާލުތަކުގެ މުއްދަތު ވެސް ހަމަވިތާ އެތައް ދުވަހެއް ފާއިތުވެގެން މިހާރު ވަނީ ގޮސްފަ އެވެ.




