ެއެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް.- ފޮޓޯ:އެމްޑީޕީ
ވަޒީރުން ޖަވާބުދާރީ ނުވާ މައްސަލައިގާ ޒިންމާވާންޖެހޭނީ މުއިއްޒު
ވަޒީރުންނާ ކުރުމަށް އެމްޑީޕީ މެންބަރުން 62 ސުވާލު މަޖިލީހަށް ހުށަހަޅާފައި އެބައޮތް – ނާޒިލް
ޖުނާން އަޙުމަދު 9 އޭޕްރީލް 2026 (ބުރާސްފަތި)   17:58
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމަށް މިހާރުވެސް 62 ސުވާލު މެންބަރުންގެ ފަރާތުން ހުށަހަޅާފައި އެބައޮތް ކަމަށާއި، ވަޒީރުން މަޖިލީހަށް ހާޒިރު ނުވުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނަންގަވަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި، ރޭ ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވީ، ރައްޔިތުންގެ މަންދޫބުންގެ ސުވާލުތަކަށް، 14 ދުވަސްތެރޭ ވަޒީރުން ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާއިރު، އެގޮތަށް އެބޭފުޅުން އަމަލު ނުކުރައްވާއިރު އެއްވެސް ފިޔަވަޅެއްވެސް ނާޅުއްވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީނުވާތީ، ކާކުތޯ ޒިންމާ ވާންޖެހޭނީ؟ ނުވަންޏާ އެ ބޭފުޅާ ބޭރުކޮށްލާފައި ވަކިކުރަންވީ ނޫންތޯ؟ އަޅުގަނޑުމެންގެ 62 ސުވާލެއް އެބައޮތޭ ރައްޔިތުންގެ މަޖިލީހުގައި. 14 ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް ޖަވާބުދާރީވާން، އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުން އައިސް ތިބި މަންދޫބުން. އެއީ ކުރަންޖެހޭ ކަމެއް މިއަދު. ނުކުރެއޭ. ނުކުރަންވާ އެ ބޭފުޅުން. އެ ބޭފުޅުންނަށް ފިޔަވަޅެއްވެސް އެޅިފައެއް ނެތޭ. ކީއްވެ ތޯ އެ ހިސާބަށް ދާންޖެހެނީ؟ މިހާހިސާބަށް ގޯހުން ގޯހަށް ދިޔަ ރައްޔިތުންނަށް ވަރަށް ސާފުވޭ، ރައްޔިތުންގެ ވެރިކަމެއް ކޮށްދޭނެ ވެރިއެއް ނޫންކަން މި ވެރިޔާއަކީ." ނާޒިލް ވިދާޅުވިއެވެ.

މިސަރުކާރުގެ ވަޒީރުންގެ އަމަލުތައް އެހެންހުރިއިރު، މިނިވަން މުއައްސަސާތަކުގެ ހާލަތުވެސް ހުރީ ދެރަވަރު ގޮތަކަށްކަން ނާޒިލް ފާހަގަ ކުރެއްވި އެވެ. އެ މުއައްސަސާތަކުގެ ވެރީންނަށް ރައީސް މުއިއްޒު ބޭނުންވާފުޅުވާ ބޭފުޅަކު އައްޔަން ކުރައްވާ ހިސާބުން އެ މުއައްސަސާތަކުގެ މިނިވަންކަން ގެއްލޭނެ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

އެގޮތުން މިއަދު އެންޓި ކޮޝަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގިނަ މައްސަލަތައް ހުށަހެޅި ނަމަވެސް އެއްވެސް މައްސަލައެއް ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ 3 އިންތިޚާބާ ގުޅިގެން ވެސް ވަރަށް ގިނަ މައްސަލަތައް ފާހަގަކޮށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ސަމާލު ކަމަށް ގެނައި ނަމަވެސް އެދެވޭ ޖަވާބެއް އަދި ހައްލެ ލިބިފައިނުވާ ކަމަށެވެ.

މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންގެ ވެރިކަމެއް ކޮށްދޭނެ ވެރިއެއް ނޫން ކަމަށާއި، ހުރިހާ ބާރެއް އޮވެމެ ރައްޔިތުންޓަކައި އެއްވެސް ކަމެއް އެމަނިކުފާނު ނުކޮށްދެއްވާކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

މެންބަރު ނާޒިލް ވިދާޅުވީ ގައުމުގެ ކަންކަން ގޯހުން ގޯހަށް ދިއުމުން މިފަހުން ބޭއްވިގެން ދިޔަ ތިން އިންތިޚާބުގެ ނަތީޖާއިން ސަރުކާރަށް ރައްޔިތުން ޖަވާބުދީފައިވާ ކަމަށެވެ. އަދި މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި، ދެ އަހަރު ބައިވީއިރު އެއްވެސް ކަމެއް ނުކޮށްދެވުނުއިރު ކުރިއަށް އޮތްތާގައި އެއްވެސް ކަމެއްވާނެ ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް