މިނިސްޓަރ އިހްސާނަށް ރުހުން އޮތްކަމަށް ވޯޓް ދެއްވި އެމްޑީޕީގެ މެންބަރުން.--
އިހުސާނަށް ރުހުން އޮތްކަމަށް ދިން ވޯޓާއެކު އެމްޑީޕީ ޕީޖީ ހޫނުފެނަށް
ޖުނާން އަޙުމަދު 30 އޭޕްރީލް 2026 (ބުރާސްފަތި)   15:26
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވަޒީރުކަމުގައި ހުންނެވުމަށް ރުހުން އޮތްކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ވޯޓު ދެއްވުމުން އެކަމާ ދެކޮޅަށް އެމްޑީޕީ މެންބަރުން އަޑުއުފުލަން ފަށައިފިއެވެ.

މިނިސްޓަރު އިހްސާނަށް ރުހުން ދިނުމަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާގެ އިތުރުން، ޑރ.އަހުމަދު ޝަމްހީދު، މުޙައްމަދު އިބްރާހީމް (ކުޑޫ)، މައުރޫފް ޒާކިރު، ޙުސައިން ސަމީރު، މުޙައްމަދު ނިޢުޝާދު، އަޙްމަދު ޝާކިރު، އަދި އަޙްމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީ މެންބަރުން ސޯޝަލްމީޑިއާގައި ފާހަގަކުރާ ގޮތުގައި މިނިސްޓަރ އިހްސާނަކީ ޑީއެންއާރުގެ ޑޭޓާބޭސް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޕީއެންސީއަށް ގިނަ އަދަދެއްގެ މެންބަރުން ވަގަށް ވެއްދި ވަޒީރެވެ. ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމާއި، ސުލްހަވެރި މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅައިލުމާއި ބައެއް މައްސަލަތަކުގެ ތަހުގީގުތައް ލަސްކުރުމުގެ އިތުރުން ބައެއް މައްސަލަތައް ދައުވާ ކުރަން ނުފޮނުވުން ފަދަ ކަންކަމުގައިވެސް އިހްސާނުގެ ބައިވެރިވުން އެބައޮތެވެ.

މީގެ އިތުރުން، ނޫސްވެރީންނާ ދެކޮޅަށް ތަޙުޤީޤު ހިންގުމާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުން މަރުވުމުގެ މައްސަލަތަކާއި، ކުށުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ލީކުކުރުން ފަދަ ސީރިއަސް މައްސަލަތައްވެސް ވަނީ ފާހަގަކުރެވިފައެވެ. ޚާއްޞަކޮށް އެޕްރީލް 27 ގައި "އަދަދު" ނޫސް ރެއިޑްކުރުމާ ގުޅިގެން މިނިސްޓަރު އިޙްސާނަށް އޮތް ފާޑުކިޔުން ވަނީ އިތުރަށް ބޮޑުވެފައެވެ.

މިހެން މިކަންކަން ހުއްޓައި އަދި ކުރިން މިނިސްޓަރ އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ވައްދައި ނާކާމިޔާބު ވެފައި ވަނިކޮށް، އިހްސާން ވަޒީރުކަމުގައި ހުންނަށް އެމްޑީޕީގެ މެންބަރުން ރުހުން ދިނުމުން ގިނަބަޔަކު ނުރުހުންވެ އެވާހަކަ އަންނަނީ ހާމަކުރަމުންނެވެ.

ރައީސް މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކާ ގުޅިގެން އިއްޔެ ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އިހްސާނަށް ރުހުން އޮތްކަމަށް 70 މެންބަރަކު ވޯޓު ދެއްވިއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 8 މެންބަރުންގެ ވޯޓު ހިމެނެއެވެ.

ޖުމްލަ 12 މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީ ޕީޖީ އިން އިހުސާނަށް ރުހުން ދޭން ނުފެންނަކަމަށް ވޯޓް ދެއްވީ 2 މެންބަރުންނެވެ. އެއީ މީކާއީލް ނަސީމް އާއި ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. މީގެ އިތުރުން ޕީޖީގައި ތިއްބަވާ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އާއި އަމީން ފައިސަލް މި ވޯޓްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. 

މި މައްސަލައިގައި އެމްޑީޕީގެ އާންމު މެންބަރުންނާއި ސިޔާސީ އެކްޓިވިސްޓުން ދަނީ އެ ޕާޓީގެ މެންބަރުންގެ މި އަމަލަކީ ޕާޓީގެ އުސޫލުތަކާ ހިލާފު ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

އެޔާއެކު ބައެއް މެންބަރުން ވަނީ އިހްސާނަށް ރުހުން އޮތްކަމަށް ވޯޓް ދިނުމަކީ ކުރެވުނު ނުރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި މައާފަށްވެސް އެދިވަޑައިގެންފައެވެ.

ކޮމެންޓް