އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް، ރިޔާސީ ބަޔާނަށް ރައްދުދީ ބަޔާން އިއްވަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރިޔާސީ ބަޔާނަށް އެމްޑީޕީގެ ރައްދު: އެއީ ހިޔާލީ ދުނިޔެއެއްގެ ހުވަފެންތަކެއް
ހުވަފެނީ ވާހަކަތަކެއް އެހެން ގޮތަކަށް ބަދަލުކޮށްގެން އަނެއްކާވެސް މިއޮތީ މި މަޖިލީހަށް އިއްވާފައި: ނާޒިލް
ހަސަން އިބްރާހީމް 14 އޭޕްރީލް 2026 (އަންގާރަ)   14:12
ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތައް މަޖިލީހަށް އިއްވުމަށް ލާޒިމުކޮށްފައި އޮތް ނަމަވެސް، އެކަން އެ ގޮތަށް ނުކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މި އަހަރު އިއްވެވީ ހިޔާލީ ދުނިޔެއެއްގެ ހުވަފެންތަކެއް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު، އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާނަށް ޖަވާބުދެއްވައި މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނަށް ދޭން އެންމެ އެކަށޭނަ އެންމެ ސާދާ ރައްދަކީ ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައިވާ މިންވަރަށް، އެމަނިކުފާނު މި އަހަރު ދެއްވި ރިޔާސީ ބަޔާން ފުރިހަމަ ނުވާ ކަމަށެވެ.

އެ ގޮތުން އެމަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދީފައި ނުވާ ކަމަށާއި އަދި، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ވެސް އެ ބަޔާނުގައި ހިމަނާފައި ނުވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

"މިހެންކަމުން އަޅުގަނޑު ދަންނަވަން ޖެހެނީ މި އަހަރުގެ ރިޔާސީ ބަޔާނަކީ 2025 ވަނަ އަހަރުގެ ކުލަ ނެތް ކޮޕީއެއް ކަމަށް، ކުލަ ނެތް ކޮޕީއެއް ކަމަށް މި ދަންނަވަނީ ފާއިތުވި ދެ އަހަރު މި މަޖިލީހުގައި ތިޔަ އިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި އަދި، މުޅި ރާއްޖޭގެ ރައްޔިތުންނަށް އަޑު އިވޭނޭހެން ވިދާޅުވި ހުވަފެނީ ވާހަކަތަކެއް އެހެން ގޮތަކަށް ބަދަލުކޮށްގެން އަނެއްކާވެސް މިއޮތީ މި މަޖިލީހަށް އިއްވާފައި،" ނާޒިލް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ، ކޮންމެ އަހަރަކުމެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވަންވާނެ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، އިއްވެވި ރިޔާސީ ބަޔާނުގައި އެއިން އެއްވެސް ކަމެއް ހިމަނުއްވާފައި ނުވާ ކަމަށާއި، މިދިޔަ އަހަރު ކުރައްވާނޭ ކަމަށް މިދިޔަ އަހަރު ވިދާޅުވި ކަންކަން ކުރައްވާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި މި އަހަރުގެ ރިޔާސީ ބަޔާނުގައި އަނެއްކާވެސް މުއިއްޒު ދެއްވީ އިތުރު ތާރީހުތަކެއް ކަމަށް ނާޒިލް ވިދާޅުވި އެވެ.

މި ސަރުކާރަކީ މިހައިތަނަށް އައި އެންމެ ނާގާބިލު ސަރުކާރު ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. އެގޮތުން އާސަންދައިގެ ހިދުމަތާއި ބޭސް ސިޓީއަށް ބޭސް ނުލިބުމާއި އެ ނޫން ވެސް ސިއްހީ އެކި ހިދުމަތްތައް މިހާރު ނުލިބޭކަން ނާޒިލް ފާހަގަކުރެއްވި އެވެ.

"އާސަންދަ ރީފޯމް ކުރާނޭ ކަމަށް ސަރުކާރުން އިއުލާނުކުރިފަހުން އާސަންދައިގެ ހިދުމަތް އެތައް ގުނައަކުން ދަށަށް ހިނގައްޖެ، އެ ވިދާޅުވާ ރީފޯމަކީ ރައްޔިތުންނަށް ލިބެމުންދާ އެއްޗެއް ހުއްޓޭގޮތަށް ނުވަތަ އުނިވާގޮތަށް ގެންނަވާ އެއްޗެއް ކަމަށްވާ ނަމަ، އެ ރީފޯމު ހުއްޓާލުމަށް ގޮވާލަން،" ނާޒިލް ވިދާޅުވި އެވެ.

"ޔޫރަޕުގެ މޮޅު ބޭސް ގެންނާނެކަމަށް އިއުލާނުކުރިތާ ބަރާބަރު، ދެ އަހަރު ވެގެން ހިނގައްޖެ، ކުރިން ލިބެމުން އައި ބޭސްގުޅަ ވެސް މިހާރު ނުލިބޭ."

މިދިޔަ އަހަރުގެ ބަޖެޓު ފާސްކުރިއިރު، އެ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރު ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އެ ބަޖެޓުން އެއްވެސް ރައްޔިތަކަށް ލިބުނު ބޯހިޔާވަހިކަމެއް ނެތް ކަމަށް ނާޒިލް ވިދާޅުވި އެވެ. އެކަމަށް ހާއްސަކޮށް 2.6 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައި އޮތްއިރު، އެ ފައިސާ ހަރަދުކުރީ ކޮންކަމަކަށްކަން ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.

"ޑިވެލޮޕްމެންޓު ބޭންކާައި ބަންކަރިންގެ ހިދުމަތުން ލިބޭނޭކަމަށް އަންދާޒާކުރި 400 މިލިއަން ޑޮލަރާއި ހުޅުލެ އާއި ހުޅުމާލެ އާއި ފުލްމޫން ރިސޯޓާއެކު މޮނޮރެއިލްއަކުން ގުޅާލައިގެން ފުނަދޫ އާއި، ހަދާނެކަމަށް ބުނި ފައިނޭންޝަލް ސެންޓަރާއި މާލެ އާއި ރަސްމާލެ އާ ގުޅާލާ އަންޑާވޯޓާ ޓަނަލުން ދަތުރުކުރާއިރު ފެންނަ ހިތްގައިމު މަންޒަރުތަކާއި އިގުތިސާދީ އެކި ކުލަކުލައިގެ ސިގްނަލްތަކުގެ ތަފުސީލު މި ފަހަރު ރިޔާސީ ބަޔާނުގައި ނެތީތީ އަޅުގަނޑު ހިތާމަކުރަން،" ނާޒިލް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީ ކުރީ ސަރުކާރުތަކުން ނެގި ދަރަނިތަކަށް ފާޑުކިޔަމުން ކަމަށާއި، ދަރަނި ނުނަގައި ސަރުކާރު ހިންގޭނެ ކަމުގެ ވާހަކަތަކާ އެކުގައި ކަމަށް ނާޒިލް ވިދާޅުވި އެވެ. އެހެންނަމަވެސް، މީގެ ކުރީގެ ސަރުކާރަކުން، މިހައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނުނަގާ މިންވަރަށް ދަރަނި ނަގައިފި ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތައް ލިބޭ އާންމުދަނީން ދެކޮޅު ނުޖެހި، އިތުރަށް ދަރަނި ނަގަން ޖެހިގެން އުޅެނީ ސަރުކާރުގެ އިސްރާފު ބޮޑުކަމުން ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.

އޭގެ އިތުރުން، ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށް މުއިއްޒު ވިދާޅުވިފަހުން، ޑޮލަރުގެ އަގު މީގެ ކުރިން ނުއުފުލޭ މިންވަރަށް މައްޗަށް ގޮސްފައިވާ ކަމާއި މާލީ އިދާރާތަކުން ދޭ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭކަން ނާޒިލް ފާހަގަކުރެއްވި އެވެ.

"މިނިސްޓްރީތަކުން މީހުން ވަކިކޮށް ސަރުކާރު ކުންފުނިތަކަށް ވެއްދިޔަސް، އައިއެމްއެފް އާއި ވޯލްޑް ބޭންކަށް އެކަން އޮޅުވައިނުލެވޭނެކަން ސަރުކާރުން ދަންނަންވެއްޖެ، މި ކަހަލަ ކަންކަން ކުރުމުގެ ސަބަބުން، ރާއްޖޭގެ މާލީ ނިޒާމާމެދު އިރުބާރު ގެއްލި، އަނެއްކާވެސް ކްރެޑިޓް ރޭޓިން ދަށަށ ދިޔުން އެކަށީގެންވާކަން ހިތާމަޔާއެކު ފާހަގަކުރަން،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ދިވެހިރާއްޖެއަކީ އަބަދުވެސް ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި ގައުމެއް ނަމަވެސް، މުއިއްޒުގެ މި ވެރިކަމުގައި އެކަން މާޒީ ކޮށްލައިފި ކަމަށެވެ. އެގޮތުން އިޓްލޮސްގެ ނިންމުން ގަބޫލު ނުކުރާ ކަމަށް މުއިއްޒު ވިދާޅުވުމަކީ އދ ގެ ނިޒާމުތައް ގަބޫލުނުކުރާކަމަށް ދިވެހިރާއްޖެއިން ރަސްމީކޮށް ކުރި އިއުލާނެއް ކަމަށް ނާޒިލް ވިދާޅުވި އެވެ.

"މިފަދަ އަމަލުތައް އާންމުގޮތެއްގައި ފެންނަނީ ޑިކްޓޭޓަރުންގެ ކިބައިން، އެއީ އެއްކޮށް ފެއިލްވެ އެހެން ގޮތެއް ނެތުމުން، ނެތް މައްސަލަ އުފައްދައިގެން ރައްޔިތުންނަށް އޮޅުވައިލުމުގެ ބޭނުމުގައި، އާންމުންގެ އާންމު ދަތި ހާލަތަށްވުރެ ބޮޑު ބިރުވެރިކަމެއް އުފައްދައިގެން ރައްޔިތުން ބިރުގަންނަވައިގެން ވެރިކަން ކުރުމުގެ އުކުޅެއް،" ނާޒިލް ވިދާޅުވި އެވެ.

ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވުމަށް ގާނޫނުއަސާސީން ލާޒިމުކޮށްފައި އޮތް ނަމަވެސް، އެކަން އެގޮތަށް ނުކުރައްވައި ކުލަ ނެތް ހުވަފެނެއް މަޖިލީހަށް ހުށަހެޅުއްވީތީ ހިތާމަކުރައްވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ނާޒިލް ރިޔާސީ ބަޔާނަށް ރައްދު ދޭ ބަޔާން އިއްވަން ފެށުމުން ވެރިކަން ކުރާ ޕާޓީގެ މެންބަރުން ވަނީ ތަޅުމުގައި ހަޅޭއްލަވައި، ގޮނޑިން ތެދުވެ، ބައެއް މެންބަރުން ވަނީ ނާޒިލް ހުންނެވި ޕޯޑިއަމް ކައިރިއަށްވެސް ވަޑައިގެންފައެވެ.  

އޭގެ ތެރޭގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވަ އެވެ.

އެ މެންބަރުންގެ އަމަލުތަކުގެ ސަބަބުން، މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި އަހުމަދު ނާޒިމް ވަނީ ބައެއް މެންބަރުންގެ ނަން އިއްވައި، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެފައެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުމެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވަންވާނެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކުން (މެޖޯރިޓީ ނުވަތަ މައިނޯރިޓީ ލީޑަރު) އެ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އިއްވަންވާނެއެވެ. އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބު ދޭނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ، އެމްޑީޕީންނެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރަންވާނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރުން ފިޔަވައި މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންގެ ހިޔާލާއި ފިކުރު ހިމަނައިގެންނެވެ. ރިޔާސީ ބަޔާން އިއްވުން ވަގުތުން ދުރަށް ފޮނުވި އުސޫލުން، އެ ބަޔާނަށް ދޭ ޖަވާބުވެސް ވަގުތުން ދުރަށް ފޮނުވަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައިވެއެވެ.

ކޮމެންޓް