އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އާޝާ ބޯސްލޭ
ރަން އަޑުގެ ވެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ
1200 އަށްވުރެ ގިނަ ލަވަ ރެކޯޑުކޮށްފައިވާ އާޝާ މިއަދު މަރުވީ އުމުރުން 92 އަހަރުގައި
މަރްޔަމް މުޙައްމަދު 12 އޭޕްރީލް 2026 (އާދީއްތަ)   13:44
އިންޑިއާގެ ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ، އާޝާ ބޯސްލޭ އުމުރުން 92 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

2022 ވަނަ އަހަރު މަރުވި އިންޑިއާގެ ރަން އަޑުގެ ވެރިޔާ، ލަތާ މަންގޭޝްކަރުގެ ކޮއްކޮ އާޝާ ބޯސްލޭ ލަވައިގެ ދުނިޔެއަށް ނިކުތީ އުމުރުން އެންމެ 9 އަހަރުގައެވެ.

މިއަދު މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އާޝާ ބޯސްލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ރޭ، މާ ބޮޑަށް ވަރުބަލިވެ، މޭގައި އިންފެކްޝަނެއް އުފެދުމާ ގުޅިގެން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ގިނަ ގުނަވަންތައް ފެއިލްވެ، ފަރުވާ ދެމުން ދަނިކޮށް މިއަދު އޭނާ މަރުވިކަން ކަށަވަރުކޮށްދެމުން އޭނާގެ ދަރިފުޅު އާނަންދު ބޯސްލޭ މީޑިއާގައި ބުނެފަިއ ވަނީ، މާދަމާ ހެނދުނު 11 ޖަހާއިރު އާއިލާ ދިރިއުޅޭ ގެ، ކާސާ ގްރަންޑޭގައި އެންމެ ފަހުގެ އިހުތިރާމް އަދާކުރެވޭނެ ކަމަށާ، ހަވީރު ހަތަރެއް ޖަހާއިރު ޝިވާޖީ ޕާކުގައި އޭނާގެ ޖަނާޒާ ބާއްވާނެ ކަމަށެވެ.

ހިންދީ ސިނަމާގެ ގިނަ ފިލްމުތަކަކަށް ލަވަ ކިޔާދީފައިވާ އަދި އެ ދާއިރާ އިން ގިނަ އެވޯޑުތަކެއް ހޯދާފައިވާ އާޝާ ބޯސްލޭގެ އެންމެ ފާހަގަ ކުރެވޭ ލަވަތަކުގެ ތެރޭގައި 'ޗުރާލިޔާހެ ތުމްނޭ ޖޮ ދިލްކޯ'، 'ދޯ ލަފްޒޯކީ'، 'އޭކް މޭ އޯރް އޭކް ތޫ'، 'ޖަވާނެ ޖާނެމަން'، 'ޓިޕް ޓިޕް ބަރްސާ ޕާނީ' އަދި 'ތުމްސޭ މިލްކޭ' ފަދަ ލަވަތައް ހިމެނެ އެވެ.

އިންޑިއާގެ ދެ ވަނައަށް އެންމެ ޝަރަފުވެރި ރައްޔިތުންގެ އެވޯޑު ކަމަށްވާ ޕަދްމާ ވިބޫޝަން އާއި ދާދާސާހެބް ފާލްކޭ އެވޯޑު ލިބިފައިވާ އާޝާ ބޯސްލޭ އަކީ 20 އަށް ވުރެ ގިނަ ބަހުން 12,000 އަށް ވުރެ ގިނަ ލަވަ ރެކޯޑުކޮށް، ދުނިޔޭގެ އެންމެ ގިނަ ލަވަ ރެކޯޑުކުރި ފަންނާނެއްގެ ގޮތުގައި 2011 ވަނަ އަހަރު ގިނެސް ވޯލްޑް ރެކޯޑް ހޯދައިފައިވާ ފަންނާނެކެވެ.

ކޮމެންޓް