އިންޑިއާގެ ލެޖެންޑްރީ އެކްޓަރު ދަރުމެންދްރަ، ދިވެހިންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ ދަރޭ ގެ ނަމުން.-
ދިވެހިންގެ ދަރޭ އުމުރުން 89 އަހަރުގައި މަރުވެއްޖެ
މަރްޔަމް މުޙައްމަދު 24 ނޮވެމްބަރ 2025 (ހޯމަ)   15:47
ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އިންޑިއާގެ ލެޖެންޑްރީ އެކްޓަރު ދަރުމެންދްރަ، ދިވެހިންގެ ތެރޭގައި މަޝްހޫރު ނަމުންނަމަ ދަރޭ މިއަދުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

އުމުރުން 89 އަހަރުގައި ދަރޭ މަރުވީ އުމުރުން ދުވަސްވުމުގެ ސަބަބުން ސިއްހީ ހާލަތު މާ ބޮޑަށް ގޯސްވެ, ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދެމުން އަންނަނިކޮށެވެ.

ދަރޭ މަރުވި ޚަބަރާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސިޔާސީ އިސްފަރާތްތަކުގެ އިތުރުން، ފިލްމީ ތަރިންވެސް އަންނަނީ ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަމުންނެވެ. އަދި ފިލްމު އިންޑަސްޓްރީގެ ގިނަބަޔަކު އަންނަނީ ދަރޭ ދިރިއުޅުނު ގެއަށް ޒިޔާރަތް ކުރަމުންނެވެ.

ދަރޭގެ ހާލަތު ގޯސްވެ, އެކިފަހަރު މަތިން ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދިންއިރު މި މަހުގެ ކުރީކޮޅު ވެސް އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން އޭރު ދަރޭއަށް ފަރުވާދީފައިވަނީ ވެންޓިލޭޓަރުގައެވެ.

1960 ވަނަ އަހަރު ފިލްމީ ހަޔާތް ފެށި ދަރޭ އަކީ އިންޑިއާގެ ހިންދީ ސިނަމާގެ އެންމެ ވިދުން ގަދަ އެއް ތަރިއެވެ. އޭނާ އަކީ ރާއްޖެއަށް ޓީވީ އާންމުވެ، ހިންދީ ފިލުމުތައް އާންމުކޮށް ބެލުމުގެ ފުރުސަތު ދިވެހީންނަށް ލިބުނު ދުވަސްވަރު ދިވެހީންގެ މެދުގައިވެސް ވަރަށް މަގުބޫލު ތަރިއެކެވެ.

"ޝޯލޭ" އާއި "ޗުޕް ޗުޕް ކޭ" އަދި "ރާމް ބަލްރާމް" ކަހަލަ މަޝްހޫރު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ދަރްމެންދުރަ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ތޭރީ ބާތޯ މެއިން އޭސާ އުލްޖާ ޖިޔާ" އިންނެވެ. އަދި އަންނަ މަހު ރިލީޒްކުރާ ބޮލީވުޑްގެ ހަނގުރާމަ މަތީ ފިލްމު "އިއްކިސް"ގެ ރޯލެއް ވެސް އޭނާ ވަނީ ކުޅެފަ އެވެ.

އޭނާގެ ދިގު ފިލްމީ ކެރިއަރުގައި 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ލޯބީގެ ފިލްމުތަކާއި އެކްޝަން، ކޮމެޑީ އަދި ޑްރާމާ ފިލްމުތައް ވެސް ހިމެނެ އެވެ.

ނެޝަނަލް އެވޯޑު ވެސް ލިބިފައިވާ ދަރޭއަކީ އިންޑިއާގެ ސަރުކާރުން ތިންވަނައަށް ދޭ އެންމެ މަތީ ޝަރަފު ޕަދުމާ ބޫޝަންގެ ޝަރަފު އަރުވާފައިވާ އެކްޓަރެކެވެ.

ފިލްމީ ދާއިރާއިގައި މަސައްކަތް ކުރަމުން ދަރޭ ވަނީ ފަހުން ސިޔާސީ މައިދާނުގައި، އިންޑިއާގެ ލޯކް ސަބާ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ދަރޭ މަރުވި އިރު، އޭނާގެ ދެ އަނބިންނާއި 6 ދަރިން ތިބެ އެވެ. އޭނާ ފުރަތަމަ ކައިވެނި ކުރީ އުމުރުން 19 އަހަރުގައި ޕްރަކާޝް ކޯރު ނަމަކަށް ކިޔާ މީހަކާއެވެ. ޕްރަކާޝްއާ ކައިވެނިކުރިއިރު ދަރޭ ފިލްމު އިންޑަސްޓްރީއާ ވެސް ނުގުޅެއެވެ. އެ ކައިވެންޏަށް ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ލިބިފައިވެއެވެ. އެ ދެ ފިރިހެން ކުދިންނަކީ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އެވެ.

ދަރޭގެ ހަގު އަންބަކީ ކުރީގެ މަޝްހޫރު އެކްޓްރެސް އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ހެމާ މާލިނީ އެވެ. ދަރޭއާއި ހެމާގެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވާއިރު އޭގެ ތެރެއިން އީޝާ ޑިއޯލް ދަނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވަމުންނެވެ.

ދަރޭ މި ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭ "ތޭރީ ބާތޯ މެ އޭސަ އުލްޖާ ޖިޔާ"، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި އަންނަ މަހު ރިލީޒްކުރާ ފިލްމު "އިއްކިސް" ހިމެނެއެވެ. ފިލްމު "އިއްކިސް"އަކީ ދަރޭއާ އެކު ވަރަށް ގިނަ ފިލްމުތައް ކުޅެފައިވާ އިންޑިއާގެ ލެޖެންޑް އެކްޓަރު އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔަ ނަންދާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމެވެ. ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން ދަރޭ މަރުވުމާ ގުޅިގެން މި ފިލްމު ރިލީޒްކުރުން ފަސްކުރާނެކަމަށް ބެލެވެއެވެ. 

ކޮމެންޓް