އޭއައި ތަސްވީރެއް
ތަލަވުމުގެ އެންމެ ކުރީގައި އުޅެނީ ކޮން ގައުމެއް؟
އިބޫ އެމް 20 އޭޕްރީލް 2026 (ހޯމަ)   08:33
ފިރިހެނުން ތަލަވުމަކީ ބައެއް މީހުން ކަންބޮޑުވާ ކަމެކެވެ. އަނެއްބަޔަކަށް މާބޮޑު ކަމެއް ނޫނެވެ. އެއީ އެމީހުން ގަޔާވާ ސްޓައިލެއްގެ ގޮތުގައި ދެކިގެން އުފާވެރިކަމާއެކު ދިރިއުޅުން ކުރިއަށް ގެންދެއެވެ. އެކަމަކު ގައުމުތަކުގެ އާބާދީގެ ނިސްބަތުން އެންމެ ގިނައިން ތަލަވަނީ ނުވަތަ ތަލަވެފައި ތިބި މީހުން ދިރިއުޅެނީ ކޮން ގައުމެއްގައިތޯ ބަލައިފާނެ ހެއްޔެވެ؟

ވޯލްޑް ޕޮޕިއުލޭޝަން ރިވިއު އިން 2026 ވަނަ އަހަރު އާންމުކުރި ދިރާސާއަކުން ފިރިހެނުން އެންމެ ގިނައިން ތަލަވާ ގައުމުތައް ދެނެގެންފި އެވެ. 47 ގައުމެއްގެ ތަފާސްހިސާބު އެއްކޮށްގެން ހެދި ދިރާސާގެ ނަތީޖާއިން، ފިރިހެނުން އެންމެ ގިނައިން ތަލަވާ ގައުމަކީ ސްޕެއިން އެވެ. އެ ގައުމުގެ ފިރިހެނުންގެ %44.5 މީހުންނަކީ ތަލަވެފައިވާ ނުވަތަ ބޮލުން އިސްތަށި ފައިބަމުންދާ މީހުންނެވެ.

އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ތަލަވެފައިވާ 10 ގައުމު

  1. ސްޕެއިން %44.50
  2. އިޓަލީ %44.37
  3. ފްރާންސް %44.25
  4. އެމެރިކާ %42.68
  5. ޖަރުމަނުވިލާތް %41.51
  6. ކްރޮއޭޝިއާ %41.32
  7. ކެނެޑާ %40.94
  8. އިނގިރޭސިވިލާތް %39.2
  9. ނެދަލޭންޑްސް %37.9
  10. ރަޝިއާ %37.4

ތަލަވަނީ ޖީންގެ ސަބަބުންތަ؟

ސްޕެއިން މީހުންގެ އިސްތަށިގަނޑު އަވަހަށް ފައިބަނީ ކީއްވެގެންތޯ ބެލިއިރު، ސައިންސްވެރިން އިޝާރާތް ކުރަނީ ޖީން އަށެވެ. ސްޕެއިން މީހުންގެ ހަށިގަނޑުގައި "އެންޑްރޯޖެން ރިސެޕްޓާ" (AR) ޖީންގެ ބަދަލުތައް ހުންނަ މިންވަރު އިތުރެވެ. މިއީ އިސްތަށި ފޭބުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ.

މީގެ އިތުރުން މޫސުމާއި އާދަކާދަވެސް މީގައި ބައިވެރިވެއެވެ. މެޑިޓެރޭނިއަންގެ ބާރުގަދަ އަވީގެ ސަބަބުން އިސްތަށިގަނޑަށް ގެއްލުންވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީވެސް ބޯތަލަވުން އަވަސްކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

އާބާދީގެ ނިސްބަތުން އެންމެ މަދުން މީހުން ތަލަވެފައިވާ 5 ގައުމު

  1. އިންޑޮނޭޝިއާ %26.96
  2. ކޮލަމްބިއާ %27.04
  3. ފިލިޕީންސް %28.00
  4. މެލޭޝިއާ %29.24
  5. އާޖެންޓީނާ %29.35

އާބާދީގެ ނިސްބަތުން ބަލާއިރު ޗައިނާ އުޅެނީ ލިސްޓުގެ ވަރަށް ފަހަތުގައެވެ. އެހެން ނަމަވެސް، ތަލަ މީހުންގެ އާބާދީ އެންމެ ބޮޑީ ޗައިނާގައެވެ. އެ ގައުމުގެ 250 މިލިއަން މީހުންނަށް މި މައްސަލަ ކުރިމަތިވެފައި ވެއެވެ. އެއީ ކޮންމެ 6 މީހަކުން 1 އެކެވެ.

ޗައިނާގައި ތަލަވާ މީހުންގެ %76 އަކީ 30 އަހަރުން ދަށުގެ ޒުވާނުންނެވެ. އޭގެ ތެރެއިންވެސް 20 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ނިސްބަތް ވަރަށް މައްޗެވެ.

މާހިރުން ބުނާގޮތުގައި ވިރާސީ ސަބަބުތަކުގެ އިތުރުން، ޒަމާނީ ދިރިއުޅުމުގެ އާދަކާދަތަކަކީ މީގެ މައިގަނޑު ސަބަބެވެ. ނިދި މަދުވުން، މަސައްކަތުގެ ސްޓްރެސް، އަދި ކުޅިކޮށް ކެއުން ފަދަ ކަންކަމުގެ ސަބަބުން ހޯރމޯންތަކަށް ބަދަލު އައިސް އިސްތަށި ފައިބައެވެ.

ތަލަވުމާ ގުޅިފައިވާ ބިލިޔަން ޑޮލަރުގެ މާކެޓް

މި މައްސަލައާއެކު ދުނިޔޭގައި ބޮޑު ވިޔަފާރިއެއް ވަނީ އުފެދިފައެވެ. އިސްތަށި އިންދުމުގެ ވިޔަފާރި 2033 ވަނަ އަހަރާ ހަމައަށް 138.8 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ޗައިނާގެ ބާޒާރުގައި އިސްތަށި ފޭބުން ހުއްޓުވާ އުފެއްދުންތަކުގެ ވިޔަފާރި 2030 ވަނަ އަހަރާ ހަމައަށް 18.3 ބިލިޔަން ޔުއާންއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. 

ސްޕެއިންގެ 44.5 އިންސައްތައިން ފެށިގެން އިންޑޮނޭޝިއާގެ 26.96 އިންސައްތައާ ހަމައަށް ހުރި ތަފާތަކީ އިންސާނުންގެ އުފެދުމުގައި ހުރި ތަފާތުތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތުގެ ސަބަބުތަކެވެ. ޗައިނާ ފަދަ ގައުމުތަކުގައި ޒުވާން އުމުރުގައި އިސްތަށި ފޭބުމުގެ މައްސަލަ އިތުރުވަމުން ދިއުމަކީ މިއަދު ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން ސަމާލުކަން ދޭންޖެހިފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލައާ އެކު މި ވިޔަފާރި ކުރިއަރައިގެން ދަނީ ހީނުކުރާހާ ހަލުއި މިނުގައެވެ. 

ވޯލްޑް ޕޮޕިއުލޭޝަން ރިވިއުގެ ދިރާސާގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެ ނުހިމެނެއެވެ. ހިމެނޭނަމަ، އުޅޭނީ އާބާދީގެ ނިސްބަތުން ކިހާވަރެއްގައި ބާއެވެ. 

ކޮމެންޓް