
މާލޭގެ އާޓިފިޝަލް ބީޗް ކުރިމަތީގައި މި ރަތްކުލައިގެ އެލް ސޯފާ ބަހައްޓައިގެން ރޭ ކުރި މުޒާހަރާއަށް އެ ސަރަހައްދަށް އެއްވި މީހުން، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލާ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފައެވެ.
މި ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ޕީއެންއެފް އިން ސިލްސިލާ ގޮތެއްގައި، މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ފެށި މި މުޒާހަރާތަކުގެ ތެރެއިން ރޭ ރަތްކުލައިގެ އެލް ސޯފާއެއް ބެހެއްޓުމުން، ފުރަތަމަ އެ ސޯފާ ނެގުމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވާލާ ފުލުހުން އިންޒާރުދީފައި ވެއެވެ. އެއަށް ފަހު ފުލުހުން ވަނީ އެ ސޯފާ ވެހިކަލަކަށް އަރުވައިގެން ގެންގޮސްފައެވެ.
ޕީއެންއެފް މުޒާހަރާގެ ބައިވެރިން ރަތްކުލައިގެ އެލް ސޯފާއެއް ބޭނުންކޮށްފައި މިވަނީ ބެލެވޭގޮތުގައި، ރައީސް މުއިއްޒުއާ ގުޅުވައިގެން ރާއްޖޭގެ މީޑިއާ އަކުން އާންމުކޮށްފައިވާ ޑޮކިމެންޓްރީގައި ރައީސް މުއިއްޒުއަށް ރައްދުވާ ތުހުމަތުތައް ސިފަކޮށްދިނުމުގެ ގޮތުންނެވެ.
މުޒާހަރާގެ ބައިވެރިން ބަހައްޓާފައި ހުރި މި ސޯފާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ އެކްޓިވިސްޓަކު އެތަނަށް ގޮސް، އެ ސޯފާގެ ފޮޓޯއެއް ނަގައި ފުލުހުންނަށް ފޮނުވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އެ އެކްޓިވިސްޓު ފޮނުވި ފޮޓޯ ފޮނުވިތާ މާގިނަ އިރުތަކެއް ނުވެ، ގިނަ އަދަދެއްގެ އެސްއޯ ފުލުހުން އެ ސަރަހައްދަށް ގޮސް އެ ސޯފާ ގެންގޮސްފައިވާއިރު، ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ ޕީއެންއެފްގެ މުޒާހަރާތަކުގައި ބޭނުންކުރާ ޕިކަޕް ވެސް ޓޯކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައި ނެތް ނަމަވެސް، މި ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަނީ، ރައީސް މުއިއްޒުގެ މި ސަރުކާރުން، ފުލުހުންގެ ބާރު ބޭނުންކޮށްގެން ސުލްހަވެރި މުޒާހަރާތަކަށް ހުރަސްއަޅާ އެފަދަ މުޒާހަރާތައް ކުރާ ފަރާތްތަކަށް އެކި ގޮތްގޮތުން އުނދަގޫ ކުރަމުން ކަމަށެވެ.
އަދި މުޒާހަރާގައި ބޭނުންކުރި މި އެލް ސޯފާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ، އެލް ސޯފާއަކާ ގުޅުވައިގެން ރައީސް މުއިއްޒުއަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތަކީ، ހަގީގަތެއްކަން ހާމަވާ ކަމެއް ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.
ޕީއެންއެފްގެ އިތުރުން، އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީއިންވެސް ގެންދަނީ މި ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާތަކެއް ކުރަމުންނެވެ.




