
އަމްޖަދުގެ އިސްތިއުފާގެ ސިޓީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާފައި ވާކަން އޭނާ ވަނީ ފިޔެސް އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
އޭނާގެ އިސްތިއުފާގެ ސިޓީގައި ބަޔާންކުރައްވާފައި ވަނީ، މަގާމުން ވަކިވެވަޑައިގަންނަވަނީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބުތަކެއް ކަމެއް އޭނާގެ ސިޓީގައި ތަފްސީލުކޮށްދެއްވާފައި ނެތެވެ.
އަމްޖަދުގެ މި ނިންމެވުމާ ގުޅޭގޮތުން ޑީޖޭއޭއިންނާއި ޖޭއެސްސީން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ޑީޖޭއޭގެ ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމަށް އަމްޖަދު އައްޔަންކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ. ޑީޖޭއޭ ހިންގުމުގެ އެންމެ އިސް މަގާމަށް އަމްޖަދު އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެމްބަރު 2024ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ހުސްކޮށް އޮތްތާ 5 މަސް ފަހުންނެވެ. އަމްޖަދު އެ މަގާމާ ހަވާލުވެވަޑައިގަތީ 2025 ފެބްރުއަރީ 19 ގައެވެ.
އަމްޖަދު މީގެ ކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަމާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ފުރުއްވައިފަ އެވެ.
ޑިޕާޓުމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ލަފާގެ މަތިން، ރާއްޖޭގެ ކޯޓުތަކުގެ އިދާރީ ކަންކަން ބަލަހައްޓާ މައި އިދާރާ އެވެ.
ޑީޖޭއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އަމްޖަދު އިސްތިއުފާދެއްވިއިރު، ޖޭއެސްސީގެ ދަށުގައި ޑީޖޭއޭ އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން އެކުލަވައިލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.




