ޖުޑީޝަލް ސާވިސް ކޮމިޝަން
ހައިކޯޓު ފަނޑިޔާރުކަމަށާއި ފެމެލީކޯޓުގެ އިސްގާޒީކަމަށް ބޭފުޅުން އައްޔަނުކޮށްފި
މަރްޔަމް މުޙައްމަދު 20 އޭޕްރީލް 2026 (ހޯމަ)   18:29
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރުމަށާއި، ފެމެލީ ކޯޓުގެ އިސްގާޒީކަމަށް އަބްދުﷲ ނަޝީދު އައްޔަންކުރުމަށް ޖޭއެސްސީ (ޖުޑީޝަލް ސާވިސް ކޮމިޝަން) އިން މިއަދު ނިންމައިފިއެވެ.

މިއަދު (20 އެޕްރީލް 2026) ގައި ބޭއްވި ޖޭއެސްސީގެ ޖަލްސާގައި އެ ދެ މަގާމަށް ވެސް ބޭފުޅުން އައްޔަންކުރަން ނިންމީ އެ މަގާމުތަކަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލަފާ އެރުވުމުންނެވެ.

އަބްދުﷲ ޖަމީލް މޫސާ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމާފައި ވާއިރު، އެބޭފުޅާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ޖަމީލް މޫސާ ވަނީ ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ސިވިލް ކޯޓުގެ ގާޒީކަން ވެސް އަދާކުރައްވާފައެވެ.

އެބޭފުޅާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތިންވަނަ ދުވަހު ކަން ފާހަގަކޮށްލެވެއެވެ.

އަދި، އަބްދުﷲ ނަޝީދު ފެމިލީ ކޯޓުގެ އިސްގާޒީކަމަށް އައްޔަންކުރަން ނިންމާފައި ވާއިރު އެބޭފުޅާއަކީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލުކުރައްވާފައިވާ، އަދި ޝަރުއީ ދާއިރާގައި 21 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން ވެސް، އެ ބޭފުޅާ ވަނީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި އިސްމެޖިސްޓްރޭޓުކަމާއި ނ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ގާޒީކަން އަދާކުރައްވާފައެވެ.

ފާހަގަކޮށްލެވޭގޮތުގައި އެ ބޭފުޅާ ފެމެލީ ކޯޓުގެ ގާޒީކަމަށް އައްޔަންކުރެވިފައިވަނީ 2016 ވަނަ އަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮމެންޓް