ދ.މީދޫ ކައުސިލް ރައީސް ގޮނޑިއަށް ޕީއެންސީ އާއި އެމްޑީއޭއިން ވާދަކުރި ދެ ކެންޑިޑޭޓުން
ޕީއެންސީއަށް ނާކާމިޔާބުވި މީދޫ ރައީސް ގޮނޑީގެ މައްސަލަ ކޯޓުން ބަލައިގެންފި
އެންމެ ވޯޓެއްގެ ތަފާތުން ޕީއެންސީ ކުރީގައި އޮއްވާ މައްސަލަ ހޫނުވެ އަލުން ވޯޓު ގުނުމުން އެއްވޯޓުގެ ތަފާތުން ކުރިހޯދީ އެމްޑީއޭ
މަރްޔަމް މުޙައްމަދު 25 އޭޕްރީލް 2026 (ހޮނިހިރު)   12:36
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ. މީދޫ ވޯޓުގެ ނަތީޖާއިން ކައުންސިލްގެ ރައީސަށް ލިބުނު ވޯޓުގެ ނަތީޖާ ޕީއެންސީން ބަލައިނުގަނެ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ބައިގެންފިއެވެ.

މައްސަލަ ބަލައިގަތުމަށްފަހު، އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ހަފުތާތެރޭގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓުގެ ވަގުތީ ނަތީޖާގައި، އެންމެ ވޯޓެއްގެ ތަފާތުން ޕީއެންސީގެ ކެންޑިޑޭޓު ފުރަތަމަ ކުރި ހޯދި ނަމަވެސް މައްސަލަ ހޫނުވެ، އެ ވޯޓުތައް އަލުން ދެވަނަފަހަރަށް ގުނުމުން ވަނީ އެމްޑީއޭގެ ކެންޑިޑޭޓް އެއް ވޯޓުގެ ތަފާތުން ކުރި ހޯދާފައެވެ.

އީސީ (އިލެކްޝަންސް ކޮމިޝަން) އިން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، އެމްޑީއޭ (މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް) ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިފައި ވަނީ 392 ވޯޓެވެ.

ނަމަވެސް، މައްސަލަ ހޫނުވި ހިސާބަކީ، ލ. އަތޮޅު ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެމްޑީއޭއިން އީސީއަށް އެމައްސަލަ ހުށަހެޅި ހިސާބުންނެވެ.

އަދި އެމްޑީއޭ އިން އެ މައްސަލަ ހުށަހެޅުމާއެކު، ވޯޓު ގުނުމުގައި ބާތިލު ވޯޓެއް އޮތްކަމަށްބުނެ ވޯޓު އަލުން ގުނައިދިނުމަށް އެދި ވެރިކަން ކުރާ ޕީއެންސީން ވެސް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް، އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމިއެވެ.

އަދި ޕީއެންސީ އިން އެދުނުފަދައިން އަލުން ވޯޓު ގުނުމުން ވެސް އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓުކަމަށް އީސީއިން ކަނޑައެޅިއެވެ.

އީސީ އިން އެންމެފަހުން އިއުލާން ކުރި ދ.މީދޫ ވޯޓުގެ ރަސްމީ ނަތީޖާ ދައްކާގޮތުން، ސުހާ އިބްރާހީމަށް ލިބުނީ، 391 ވޯޓެވެ. މުހައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ނަސީމް އަށް 100 ވޯޓު ލިބިފައިވެއެވެ.

މި މައްސަލަ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާކަމުގެ މައުލޫމާތު ފިޔެސް އަށް ލިބިފައިވާއިރު، މި މައްސަލައިގައި ޕީއެންސީން މިހާރު ބުނަނީ ބާތިލުކުރަން ނުޖެހޭ ވޯޓެއް ވެސް އީސީ އިން ބާތިލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް