އެމްޑީޕީ ޗެއާޕާސަން ކަމަށް މީކާއީލް ފޯމް ހުށަހަޅުއްވައިފި
އަޅުގަނޑަށް ވިސްނޭ 2028 އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނީ އަޅުގަނޑުމެން އެންމެން އެކުގައި ކުރާ މަސައްކަތުންކަން: މީކާއީލް
ހަސަން އިބްރާހީމް 29 އޭޕްރީލް 2026 (ބުދަ)   23:52
އެމްޑީޕީ ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ފޯމް ހުށަހަޅުއްވައިފި އެވެ.

އޭނާ މިކަން ހާމަ ކުރެއްވީ އެމްޑީޕީ ދަނޑިކޮށި ހަރުގޭގައި މިރޭ ބޭއްވި "އިތުބާރު" ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"މިރެއަކީ ވަރަށް އުފާވެރި ރެއެއް. މިއަދު އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ އިތުބާރު ކެމްޕޭން، އެމްޑީޕީގެ ޗެއާޕާސަން މަގާމަށް އަޅުގަނޑުމެން ބޭނުންވާ ތަސައްވަރު، މި ޕާޓީއަށް ގެންނަން އަޅުގަނޑުމެން މި ކުރި މަސައްކަތުގެ އެންމެ ފުރަތަމަ މަރުހަލާ ފޯމް ހުށަހެޅުމުގެ މަރުހަލާ މިއަދު ވާނީ ފުރިހަމަ ކޮށްފައި." މީކާއީލް ވިދާޅުވިއެވެ.  

"ހަލުވި ދުވެލީގައި ދުވެލާފައި ގޮސް އަޅުގަނޑުމެންގެ ޕާޓީގެ އޮފީހަށް އެ ފޯމް ވާނީ ހުށަހަޅާފައި"

އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މެއި މަހުގެ 2 ވަނަ ދުވަހުގެ 14:00 އަށެވެ.  

ގިނަ އަދަދެއްގެ ބަޔަކާއެކު ހަރުގޭގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ޖަލްސާގައި މީކާއީލް އާންމުކޮށް ވިދާޅުވާ ވާހަކަ، އޭނާ ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ވަކި ކެންޑިޑޭޓަކާ އެކު ނޫންކަން ތަކުރާރު ކުރެއްވި އެވެ. އަދި އޭނާ ހުންނެވީ އާންމު މެންބަރުން ބޭނުންވާ ބަދަލުތައް ޕާޓީއަށް ގެނައުމުގެ ނިޔަތުގައިކަންވެސް ފާހަގަ ކުރެއްވި އެވެ.

"މިއަދުވެސް ތަކުރާރުކޮށްލަން އަޅުގަނޑު ނުކުމެ މިހުރީ އަޅުގަނޑަށް އޮތީ ކޯޗެއްތޯ ބަލާކަށް ނޫން. އާންމު މެންބަރުން ޕާޓީއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްދިނުމުގެ ނިޔަތުގައި." މީކާއީލް ވިދާޅުވި އެވެ.

your imageއިތުބާރު ކެމްޕޭން ޖަލްސާގެ ތެރެއިން.--

މީކާއީލް ވިދާޅުވީ އެމްޑީޕީ ހިންގުމާ ގުޅޭގޮތުން އާންމު މެންބަރުންގެ ވަރަށް ގިނަ ޝަކުވާ އެބަހުރި ކަމަށާއި ޗެއާޕާސަންގެ މަގާމު ކާމިޔާބު ކުރެއްވުމަށްފަހު، އޭނާގެ ހުރިހާވެސް މަސައްކަތެއް ގުޅިފައި އޮންނާނީ އާންމު މެންބަރުންގެ ޝަކުވާތައް ހައްލުކޮށްދީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ.

މީކާއިލް ވިދާޅުވީ މިއީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި، މި އިންތިހާބު ނިމުމާއެކު ޕާޓީގެ ހުރިހާ މެންބަރުން އެކަތިގަނޑަކަށް ވެގެން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. އެހެންކަމުން، އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއިން ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑަށް ވިސްނޭ، މި 40 ދުވަހަށް ފަހުވެސް ދުވަހެއް އެބައޮތްކަން އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް ވިސްނޭ 2028 އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނީ އަޅުގަނޑުމެން އެންމެން އެކުގައި ކުރާ މަސައްކަތުންކަން އަޅުގަނޑަށް ވިސްނޭ." - މީކާއީލް އަހްމަދު ނަސީމް

 

އަންނަ ޖޫން 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ދެ ބޭފުޅުން ވެސް ދަނީ އިންތިހާބަށް ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.

ކޮމެންޓް
ނަމްބަރު ވަން
20 hours ago
މީކާއީލްއަކީ މޭންއެއް. މަގޭ ވޯޓް މީކާއީލަށް. ކެންޑިޑޭޓް ނަންބަރު ވަން ދޯ.