
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އެއް ކެންޑިޑޭޓުކަމަށްވާ، ރައީސް ނަޝީދުގެ ކެމްޕެއިންގައި ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ، ދުނިޔެ އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށާއި ދުނިޔޭގެ ކަންކަން ވަރަށް ބޮޑަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި، ރާއްޖެއިން ފައި ހިފަހައްޓަންޖެހޭ ކަމަށެވެ.
މިއާ އިދިކޮޅަށް، ރާއްޖެ ފައި ކައްސާލައިފި ނަމަ ލިބިފައި އޮތް ތަނަވަސްކަން ނުވަތަ ބޯހިޔާވަހިކަން ލިބުނު މިންވަރު، ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހުން، ފޮތްލިސްޓަށް އާދޭސްކުރަން ނުޖެހުން، އެކަނިވެރި މައިންނަށް ދެވުނު އެއްޗެއް، ޔަތީމު ކުދިންނަށް ދެވުނު އެއްޗެއް ގެއްލިދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިގައުމަށް ބަދަލު ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށާ، އެމަނިކުފާނު ގާނާގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ ވަރަށްބޮޑެތި ކަންބޮޑުވުންތަކެއް ގައުމާ މެދުގައި ހުރުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިއްޖެކަމަށާ، އެ ކާމިޔާބާ އެކީގައި ކުރިއަށް މި އޮތް ރިޔާސީ އިންތިހާބު އަޅުގަނޑުމެން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން މިސްރާބު ހިފާއިރު، ބަދަލުތަކުގެ އެޖެންޑާ ރައްޔިތުންނަށް ދޭން ޖެހޭނެކަމަށެވެ.
އަދި މި ބަދަލު ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށާ، އެއީ އެހެން ބަޔަކަށް ގެނެވޭނެ ބަދަލެއް ނޫން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، މިއީ އެމަނިކުފާނަށް އެކަނިވާނެ ކަމެއް ނޫން ކަމަށާއި މިއީ އެމަނިކުފާނާއި ރައްޔިތުން އެއްވުމުން ވާނެ ކަމެއް ކަމަށްވާއިރު އެކަމުގައި ސާބިތުކަމާއެކި ތިބެން އެބަޖެހޭ ކަމަށެވެ.




