
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި މި ގަރާރު ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، މި ސަރުކާރު އައި ފަހުން ޕީއެސްއެމްގެ އެމްޑީން ގެ ގޮތުގައި ތިއްބެވި ބޭފުޅުން ތިން ފަހަރު ބަދަލު ވެއްޖެ ކަމަށާ، ނަމަވެސް ބޮޑުންނަށް ގެންނަ ބަދަލަކުން ޕީއެސްއެމް އިން ކުރަމުންދާ ކަމަކަށް ބަދަލު ނާންނަ ކަމަށެވެ.
ޕީއެސްއެމް އަދިވެސް ހަމަ އޮތީ ޕީއެސްއެމް ގެ ގޮތުގައި ކަމަށް ވިދާޅުވެ މީކާއީލް ވިދާޅުވީ، އެ މުޅި އިންތިހާބުގައި ފެނިގެން ދިޔައީ ޕީއެސްއެމް އަކީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި ބޭނުންކުރެވިގެން ދިޔަ މަންޒަރު ކަމަށެވެ.
މީކާއީލް ވިދާޅުވީ، ޕީއެސްއެމްގެ މަގްސަދަކީ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާ ސިޔާސަތުތަކުގެ ތެރޭގައި ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށާ، އެގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ކ) ގައި ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ގޮތުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތް ކުރުމާ ޕަބްލިކް ސަރވިސް މީޑިއާ އިން ވަކިވަކި ފަރުދުންނާ އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތްކުރުން ކަން ކަނޑައަޅައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާގޮތަށް ހަމަޖެއްސުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގައި ނިމުނު އިރުވެސް އެކަމާ ބެހޭ ފުރިހަމަ މައުލޫމާތު އެކަށީގެންވާ މިންވަރަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ، މީކާއީލް ހުށަހެޅުއްވި ގަރާރުގައި ބުނީ، 4 އޭޕްރީލް ގައި ބޭއްވުނު ލޯކަން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އެންމެ ގިނަ ވޯޓު ކާމިޔާބު ކޮށްފައިވަނީ ވެރިކަންކުރާ ޕާޓީން ކަމަށް ބުނެ ދައުލަތުގެ ބްރޯޑްކާސްޓަރު ޕަބްލިކް ސަރވިސް މީޑިއާ ގައި ޚަބަރު ޝާއިއުކޮށް، ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދީފައިވާކަމަށެވެ.




