
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ދަރިވަރު ނިޔާވުމުގެ ކުރިން އޭނާ ފުލުހުންނަށް 7 ފަހަރެއްގެ މަތިން މެސެޖުކޮށްފައިވާއިރު، ފުލުހުންގެ ފަރާތުން ވެސް އެ ކުއްޖާއަށް ދެ ފަހަރަކު ޖަވާބު ދީފައިވެސް ވާކަމަށެވެ.
އެ ދަރިވަރު ފުރަތަމަ ފުލުހުންނަށް ކުރި މެސެޖުގައި އުންމީދު ކަނޑާލަން ގާތްވެފައިވާ ކަމަށް ބުނުމުން، ފުލުހުން ވަނީ އެކަން ހިއްސާކުރަން ބޭނުންތޯ އަހައި ސުވާލުކޮށްފައި ކަމަށާ، އޭނާގެ ފުރަތަމަ މެސެޖު ފުލުހުންނަށް ލިބިފައިވަނީ، އެރޭ 20:40 ހާއިރު ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ފުރަތަމަ މެސެޖްގައި އެހެން ބުނި ނަމަވެސް އޭނާ އޭގެފަހުން ކުރި މެސެޖްގައި، އެ ދަރިވަރު ވަނީ އޭނާ ރަނގަޅު ކަމަށް ބުނެ މެސެޖުތަކެއް ކޮށްފައި ކަމަށާ، އެއަށްފަހު ދަންވަރު 00:38 ހާއިރު "އައި އެމް ގޯން" ޖަހާފައި ފޮނުވި މެސެޖެއް ކުރުމުން އެ މެސެޖަށް ޖަވާބުދިނުމަށް ބެލިއިރު އެ ދަރިވަރުގެ ނަންބަރު ވަނީ އޮފްލައިން ވެފައި ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
ހާދިސާގެ ޚަބަރު ފުލުހުންނަށް ލިބުމުން އެ ދަރިވަރުގެ ބޭބެއަށް ގުޅިކަމަށާ، އަދި އޭނާއަށް ވެސް ކަންބޮޑުވާ ފަދަ މެސެޖެއް ލިބިފައިވާކަމަށް ބުނިކަމަށާ، އެއަށްފަހު ފުލުހުންގެ ޓީމެއް ދަނާލަށް ގޮސް، ލަހެއްނުވެ އެ ކުއްޖާ އުޅޭ ކޮޓަރި ހޯދުމުގެ މަސައްކަތް ކުރި ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ، ފުލުހުންނަށް ދަރިވަރު އުޅޭ ކޮޓަރި ދެނެގަނެވުނީ ދަންވަރު 01:32 ހާއިރު ކަމަށާ، އެ ވަގުތު ކޮޓަރީގެ ބޮކިތައް ނިއްވާލާފައި ހުރުމުން، ފުލުހުން ކޮޓަރިއަށް ވަނީ ފެންލައިޓުން ބަލައި ހާދިސާ ހިނގާފައިވާކަން ކަށަވަރު ކުރުމަށްފަހު ކަމަށް ވެސް މިނިސްޓަރު އިހުސާން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
އިހުސާން މި މައުލޫމާތުތައް ހާމަކުރެއްވުމުގެ ކުރިން، ދަނާލުގައި ނިޔާވި އެ ދަރިވަރު ނިޔާވުމުގެ ފަހަތުގައި ފުލުހުންގެ އިހުމާލުތަކެއް އުޅޭކަމަށްބުނެ ގިނަބަޔަކު އަންނަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.




