
އެކްސްގައި އިނގިރޭސިބަހުން މިއަދު ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮތް ނަމަވެސް އެއީ މީހުންގެ އަބުރުކަތިލަން ދީފައި އޮތް ހުއްދައެއް ނޫން ކަމަށެވެ.
ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާ ބެހޭ ގޮތުން ހުރި ބައެއް މާއްދާތަކުގައި އެކަން އޮތް ގޮތް މިނިސްޓަރު އެއާއެކު ލިއުއްވިއެވެ.
މީގެ އިތުރުން އިހުސާން ވިދާޅުވެފައިވަނީ ސީރިއަސް ތުހުމަތުތައް ހަދައިގެން ފެތުރުމަކީ ނޫސްވެރިކަމެއް ނޫން ކަމަށާ، ފުލުހުން ދަމަހައްޓަމުން އެދަނީ ގާނޫނުގެ ބާރާއި ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގެންފައިވާ ހައްގުތައް ކަމަށެވެ.
ޒިންމާދާރުކަމާ އެކު މިނިވަންކަން ބޭނުންކުރުމަކީ ޖަވާބުދާރީކުރުވުމާ އެކުގައި ހިނގާ ކަމެއް ކަމަށާއި ގާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކު ނުހުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި މި ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށާއި، ރައީސްގެ ފަރާތްޕުޅުން ކޮންމެ މަހަކުވެސް އޭނާއަށް ފައިސާ ދެމުންދިޔަ ކަމަށް އެ މުވައްޒަފު ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އޭނާއާ ދެވަނަ އަތްނބެއްގެ ގޮތުގައި ކައިވެނި ކުރުމަށް ރައީސް ހުށަހެޅުއްވި ކަމަށްވެސް އެ ޑޮކިއުމަންޓްރީގައި އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.
ރޭ ފުލުހުން ވަނީ އަދަދުގެ "އައިޝާ" ޑޮކިއުމެންޓްރީ މައްސަލާގައި، އެ ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ގެންގޮސްފަ އެވެ.
ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ. އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ޑޮކިއުމަންޓްރީ އާންމުވުމާއެކު ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ މިއީ ސިޔާސީ މަގުސަދެއްގައި ރައީސްގެ އަބުރު ކަތިލުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުން ދަނީ މި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ.




