ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ސައީދު އާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ސޯބެ.--
ހިތަދޫ އުތުރު ބައި-އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާއި ސައީދު
ޖުނާން އަޙުމަދު 2 މޭ 2026 (ހޮނިހިރު)   18:34
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ އަބްދުﷲ ސޯދިގު (ސޯބެ) އާއި އަހުމަދު ސައީދު އެކަންޏެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިއަދު މެންދުރު 15:00 އާ ހަމައަށެވެ. މި މުއްދަތުގައި ލިބިފައިވަނީ އެންމެ ދެ ބޭފުޅުންގެ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގެ ކުރީގެ މޭޔަރ ސޯބެ، އެމްޑީޕީގެ ޓިކެޓްގައި ކުރިމަތި ލެއްވިއިރު، ސައީދު ކުރިމަތި ލެއްވީ ޕީއެންސީ ޓިކެޓްގައެވެ. ސައީދު އަކީ އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރެވެ.

މިދެބޭފުޅުންގެވެސް ކެންޑިޑަސީ ގަބޫލްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެމްޑީޕީން ސޯބެއަށް އެ ޕާޓީގެ ޓިކެޓު ދީފައިވަނީ ޕްރައިމަރީއަށް ހުޅުވާލި މުއްދަތުގައި އިތުރު އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީއެވެ.

ޕީއެންސީގެ ޓިކެޓު ސައީދަށް ދީފައިވަނީ ޕްރައިމަރީގައި ސައީދުއާ ވާދަކޮށް ޓިކެޓް ކާމިޔާބު ކުރި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން، ބައި-އިލެކްޝަންގައި ވާދަ ނުކުރަން ނިންމުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މި ބައި-އިލެކްޝަން، 13 އެޕްރީލްގައި އިއުލާން ކުރިއިރު، ކުރިމަތިލުމުގެ މުއްދަތު ހަމަވާގޮތަށް އޮތީ 27 އެޕްރީލް ގެ 14:00 އަށެވެ. މުއްދަތު ހަމަވާން ބާކީ 2 ގަޑިއިރަށް ވުމުން އެކަން އީސީން ސަމާލުކަމަށްވެސް ގެނެސް، ވަގުތު ހަމަވާން 10 ވަރަކަށް މިނެޓް ކުރިން މުއްދަތު އިތުރުކޮށް އިއުލާނެއް ނެރުނެވެ. އެ އިއުލާނުގެ މުއްދަތު މިއަދު މެންދުރުފަހު 15:00 އަށް ހަމަވިއިރު، ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ސައީދު ފޯމް ހުށަހެޅީ އިތުރު ކުރި މުއްދަތުގައެވެ. މިއީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ކުރި ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ އެވާހަކަ ދައްކާފައެވެ.

މިހެން މިކަން ހިނގާފައި ވަނިކޮށް ކުއްލި ގޮތަކަށް އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ.  

އިލެކްޝްންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 6ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އީސީން ބުނެއެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ.

ކޮމެންޓް