
އައްޑޫ ހިތަދޫ ބޮނޑުމަގުގައި ހުންނަ ކޯލާފިހާރަ ސަރަހައްދުގައި ބޭއްވި ކެންޕޭން ލޯންޗިން ޖަލްސާގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، އެމްޑީޕީގެ ކެންޕޭނު ޓީމަކީ އަބަދުވެސް ވަރަށް ހިތްވަރާއެކުގައި ތެދުވެރިކަމާއެކު ކުރިއަށްދާ ޓީމެއް ކަމަށާ، އައްޑޫސިޓީން އެމްޑީޕީ ހޯދަމުން އަންނަ ކާމިޔާބީތަކުގެ ސިއްރަކީ ވެސް އެއީ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އައްޑޫސިޓީގެ ރައްޔިތުން ހޮއްވަވައިފި ނަމަ، ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކުގައި އެކަން ކޮށްދެއްވާނެ ކަމަށް ވެސް ސޯބެގެ ވާހަކައިގައި އައްޑޫސިޓީގެ ރައްޔިތުންނަށް ވަނީ ޔަގީންކަން ދެއްވާފައެވެ.
ސޯބެގެ ކެންޕެއިން ލޯންޗުކުރުމަށް ބޭއްވި މި ޖަލްސާގައި ދެއްވި ވީޑިއޯ މެސެޖުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ސޯބެ ވުމަކީ މުޅި ރާއްޖެއަށް ވެސް މުހިންމު ކަމެއް ކަމަށެވެ.
އަދި، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ވަރަށް ގިނަ މަހުފޫމްތަކަކީ ސޯބެގެ ހިޔާލާއި ބައިވެރިވުމާއެކު ގާނޫނު އަސާސީއަށް ތައާރަފް ކުރެވުނު ކަންކަން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، އެހެންކަމުން ސޯބެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަކީ އައްޑޫއަށް އެކަނި މުހިންމު ކަމެއް ނޫން ކަމަށާ، އެއީ މުޅި ދިވެހިރާއްޖެއަށް ވެސް ވަރަށް މުހިންމު ކަމެއްކަމަށެވެ.
އައްޑޫ އަކީ ރާއްޖޭގެ ތަނަވަސްކަމަށް އޮތް އެންމެ ބޮޑު ވަސީލަތް ކަމަށާއި އެ ވަސީލަތް ފުރިހަމަ ގޮތުގައި ހިފުމަށް ސޯބެ ރައްޔިތުންގެ މަޖިލީހުގައި އިންނެވުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި ރައްޔިތުންގެ މަޖިލީހުގައި މިއަދު އައްޑޫގެ އަޑު ކެނޑިފައިވާ ކަމަށާއި ސޯބެއަކީ ތައުލީމީ، ތަޖުރިބާ ހުރި ބޭފުޅެއް ކަމަށްވާއިރު، މި ގޮނޑި ސޯބެ ކާމިޔާބު ކުރުމަކީ އައްޑޫ އާއި މުޅި ރާއްޖެއަށް ވެސް ފައިދާކުރާނެ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސޯބެއާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
މަޖިލީހުގެ ގޮނޑިއަކަށް ސޯބެ އަލަށް ވާދަކުރައްވާ އިރު، އޭނަ އަކީ ތިން ދައުރަކަށް އައްޑޫގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ސޯބެ އަކީ އައްޑޫގެ ފުރަތަމަ މޭޔަރު ކަން ވެސް ފާހަގަކޮށްލެވެއެވެ.




