ޕީއެންސީގެ ކެންޑިޑޭޓް ބަދަލުކުރިކަން އިއުލާންކުރުމަށް ބޭއްވި ނޫސްކޮންފަރެންސްގެ ތެރެއިން.-- ފޮޓޯ: ޕީއެންސީ
އިލެކްޝަނުން މުއްދަތު އިތުރުކުރުމާއެކު ޕީއެންސީގެ ކެންޑިޑޭޓް ބަދަލުކޮށްފި
ފެނިގެން މިދަނީ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި އަޅުވެތިވެފައިވާ މިންވަރު: މެންބަރު އައްބާސް
ޖުނާން އަޙުމަދު 30 އޭޕްރީލް 2026 (ބުރާސްފަތި)   10:19
އަންނަ ޖޫން މަހު ބާއްވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތު އިތުރު ކުރުމާއެކު، ޕީއެންސީ އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް ބަދަލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން 13 އެޕްރީލްގައި ކުރި އިއުލާނުގައި އޮތްގޮތުން، ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ 27 އެޕްރީލް ގެ 14:00 އަށެވެ.

މުއްދަތު ހަމަވާން ބާކީ 2 ގަޑިއިރަށް ވުމުން އެކަން އީސީން ސަމާލުކަމަށްވެސް ގެނައެވެ. އެހެންނަމަވެސް ވަގުތު ހަމަވާން 10 ވަރަކަށް މިނެޓް ކުރިން އީސީން ވަނީ މުއްދަތު އިތުރުކޮށް އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި ބުނެފައި އޮތްގޮތުން ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ 2 މެއި ވާ ހޮނިހިރު ދުވަހުގެ 15:00 އަށެވެ.

އެޔާއެކު ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކޮށް އެ ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި، ކުރީގެ މެންބަރު މުޙައްމަދު ސިނާން ބައި-އިލެކްޝަނުގައި ވާދަނުކުރަން ނިންމެވިއެވެ.

"އަޅުގަނޑު މިދިޔަ 3 ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އަޅުގަނޑު ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމި ވާހަކަ ލޮބުވެތި މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." ސިނާންގެ ނިންމެވުން 19 އެޕްރީލް ގައި އާންމުކުރައްވަމުން ވިދާޅުވެފައި ވެއެވެ.

އިއްޔެ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެޕާޓީގެ ފަރާތުން ވާދަކުރާނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) ކަން އިއުލާން ކުރިއެވެ.

ސައީދަށް މި ޓިކެޓް ދޭން ޕާޓީން ނިންމީ، އޭޕްރީލް 25 ގައި ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވި ސިނާން އެ ޓިކެޓް ދޫކޮށްލެއްވުމާ ގުޅިގެން ކަމަށް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. އަދި ސިނާން ޓިކެޓް ދޫކޮށްލެއްވީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެހެން ބޭފުޅަކަށް ފުރުސަތު ދިނުން ކަމަށް ފެންނާތީ ކަމަށާއި، ޕާޓީން ކަނޑައަޅާ ކެންޑިޑޭޓަކަށް ސިނާންގެ ފުރިހަމަ ތާއީދު އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަންވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

އީސީން އިތުރު ވަގުތު ދިނުމާއި ޕީއެންސީ ކެންޑިޑޭޓް ބަދަލުކުރުމާ މިއީ އިއްތިފާގެއް ނޫންކަމާއި މިއީ ސަރުކާރުގެ ނުފޫޒުން ކުރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލްމީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، އެ ތަންތަން ސަރުކާރުގެ ދަށުވެ އަޅުވެތިވެފައިވާ މިންވަރު މިއަދު ފެންނަމުންދާ ކަމަށެވެ.  

އައްބާސް ފާހަގަ ކުރައްވާފައިވަނީ:

ފެނިގެން މިދަނީ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި އަޅުވެތިވެފައިވާ މިންވަރު. ރައްޔިތުން ނިކަން ވިސްނާލައްވާ!

  1. ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރެއްވުމަށް އިލެކްޝަނުން ހުޅުވާލި ފުރުސަތު ހަމަވީ 27 އޭޕްރީލް އަށް.
  2. ސަރުކާރު ހިންގާ ޕާޓީ އަށް އެޕާޓީގެ ޓިކެޓު ކާމިޔާބު ކުރި ކެނޑިޑޭޓު މޮޅުވާނެ ގޮތެއް ނުފެނުނު.
  3. އިލެކްޝަންސް ކޮމިޝަނުން ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރުމުގެ ސުންގަޑި އިތުރު ކުރި.
  4. ސަރުކާރު ހިންގާ ޕާޓިގެ ޕްރައިމަރީ ކާމިޔާބު ކުރި ކެނޑިޑޭޓު “ ބަލިވެދާނެތީ “ ނަން ނެގުމަށް ނިންމި
  5. ސަރުކާރު ހިންގާ ޕާޓީގެ ޕްރައިމަރީ އިން ބަލިވި ކެނޑިޑޭޓަށް ޓިކެޓު ދީފި.

.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ޕިއެންސީގެ ފަރާތުން ވާދަކުރައްވާނީ، އީސީން މުއްދަތު އިތުރު ކޮށްދިނުމުން ކުރިމަތިލެއްވި އަހްމަދު ސައީދު (ސޮޑާ) އެވެ.

ކޮމެންޓް