އެމްޑީޕީ އެތެރޭގެ އިންތިހާބެއްގައި ވޯޓްލުން ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން.-- ފޮޓޯ: ފިޔެސް
އެމްޑީޕީ ޗެއާޕާސަން އިންތިހާބު ވޯޓަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
މަރްޔަމް މުޙައްމަދު 8 މޭ 2026 (ހުކުރު)   12:08
އެމްޑީޕީ އަށް ޗެއާޕާސަނެއް އިންތިހާބު ކުރަން ނަގާ ވޯޓަށް، މިހާރު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ، އެ އިއުލާނާ އެކު އާންމުކޮށްފައިވާ ލިސްޓްގައިވާ ވޯޓުލާތަން ނޫން އެހެން ތަނަކަށް، (މީހުން ދިރިއުޅޭ ކޮންމެ ރަށެއް) ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރީ-ރަޖިސްޓްރީވާން އެދޭ މެންބަރުން 22 މެއި 2026 ވާ ހުކުރު ދުވަހުގެ 14:00 ގެ ކުރިން، އެ އިއުލާނާއެކު ހިމަނާފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ހުށަހަޅައި ދިނުމަށް އެމްޑީޕީން އެދިފައި ވެއެވެ.

އެމްޑީޕީގެ އިއުލާނާއެކު އާންމުކޮށްފައިވާ ވޯޓާސް ލިސްޓްގައި ވޯޓުލީތަނުގެ ގޮތުގައި ބަލާފައިވަނީ 4 އޭޕްރިލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާފައިވާ ތަން ކަމަށްވެސް އެމްޑީޕީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ޖޫން 12 ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި 3 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއީ؛

  • ކެންޑިޑޭޓު ނަންބަރު 1 - މުޙައްމަދު ނަޝީދު (އަންނި)، ގ.ކެނެރީގެ/މާލެ
  • ކެންޑިޑޭޓް ނަންބަރު 2 - އިބްރާހީމް މުޙައްމަދު (ވާޑު)، ހުދުވިލާގެ/ލ.ފޮނަދޫ
  • ކެންޑިޑޭޓް ނަންބަރު 3 - މީކާއީލު އަޙްމަދު ނަސީމް، ގ.ބަރޯސާ/މާލެ

މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ ނަޝީދު އާއި މީކާއިލްގެ ފަރާތުންނެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ބާރު ސްޕީޑުގައި ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެއެވެ.

ކޮމެންޓް