މީކާއީލް އަހްމަދު ނަސީމް.--
މިއަދުގެ ހާލަތަށް ގައުމު ވެއްޓުނީ 2023ގައި ބަޔަކު ނިންމި ނިންމުމުން
އެ ދުވަހުވެސް އަޅުގަނޑުމެން ބުނަމުން އައީ މުއިއްޒު ވާނީ ހުދުމުހުތާރު ވެރިޔަކަށޭ: މީކާއީލް
ފިޔެސް 12 މޭ 2026 (އަންގާރަ)   09:56
ރާއްޖޭގެ ނޫސްވެރިކަމާއި ބަސްބުނުމުގެ މިނިވަންކަން ނިގުޅައިގަނެ، ގައުމު މިއަދު މި އޮތް ހާލަތަށް ވެއްޓުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބަޔަކު ނިންމި ގޯސް ނިންމުމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ. މީކާއީލް މިހެން ވިދާޅުވީ، ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި "އިތުބާރު" ކެމްޕެއިންގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުން އަދަދު ނޫހުގެ ނޫސްވެރިންނަށް ދައުވާކޮށް، އޮފީސް ރެއިޑްކޮށް، އަދި ކްރިމިނަލް ކޯޓުން ރައްޔިތުންގެ މައްޗަށް ނެރެފައިވާ އަމުރަށް ފާޑުވިދާޅުވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީ ވުޖޫދަށް އައީ މި ހައްގުތައް ކަށަވަރުކުރުމަށް ކަމަށެވެ. އެހެންނަމަވެސް 20 އަހަރު ފަހުން އަނެއްކާވެސް އެންމެ އަސާސީ ހައްގުތަކުގެ ވާހަކަ ދައްކަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. "އެދުވަހުވެސް އަޅުގަނޑުމެން ބުނަމުން އައީ މީނާ (ރައީސް މުއިއްޒު) ވާނީ ހުދުމުހުތާރުވެރިޔަކަށޭ،" މީކާއީލް ވިދާޅުވިއެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ނޫސްވެރިކަމުގެ މިނިވަންކަން ނަގާލައި، ފަނޑިޔާރުގެއަށް އަތްބާނާނެކަމުގެ އިންޒާރު 2023 ގައިވެސް އެމްޑީޕީން ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ ދެކޮޅަށް މަސައްކަތްކޮށް، މި ސަރުކާރު ގެނައުމަށް މަގުފަހިކުރި ފަރާތްތަކަށް އަމާޒުކުރައްވައި މީކާއީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "މި ދުވަސް އަޅުގަނޑުމެންނަށް އައީ އެދުވަހު އެބޭފުޅުން ގެންނެވީތީ. މި ދުވަސް އަޅުގަނޑުމެންނަށް އައީ 2023 ގައި އެ ނިންމުން ނިންމެވީތީ. މިދުވަސް އަޅުގަނޑުމެންނަށް އައީ އެ ދުވަހު އެމްޑީޕީގެ އާންމު މެންބަރުންގެ މަތިން ތިބޭފުޅުން ހަނދުމަ ނެތުނީތީ،" މީކާއީލް ވިދާޅުވިއެވެ.

ވާދަވެރިން އެމްޑީޕީއަކީ މަރުވެފައި އޮތް ޕާޓީއެއްގެ ގޮތުގައި ސިފަކުރާތީ އެކަމަށް ރައްދުދެއްވަމުން މީކާއީލް ވިދާޅުވީ، ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން އެމްޑީޕީ ދިރިއޮތްކަން ސާބިތުކޮށްދީފި ކަމަށެވެ. އެ ކާމިޔާބީއަކީ ފަހު ފަސް ދުވަހު އައި ބަދަލަކުން ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި، އެއީ ވަޒީފާ ގެއްލުނަސް ފަރުވާލެއް ނެތި އާންމު މެންބަރުން ކަށިން ހިތްވަރު ނެރެގެން ހޯދި ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 2028 ގެ ރިޔާސީ ޕްރައިމަރީއަށް އިޝާރާތްކުރައްވައި މީކާއީލް ތަކުރާރުކުރެއްވީ ޗެއަރޕާސަންގެ ދައުރަކީ ނިއުޓްރަލް ރެފްރީއެއްގެ ދައުރު ކަމަށެވެ. ރެފްރީއަކަށް މެޗަށް އެރުމުގެ ކުރިން ވަކި ޓީމެއް ނުނެގޭނެ ކަމަށާއި، ޗެއަރޕާސަނަކީ ވަކި ކެންޑިޑޭޓަކު އެންޑޯސްކޮށްގެން ހުންނަ މީހަކަށް ވެއްޖެނަމަ އެ ޕްރައިމަރީއެއްގެ އިންސާފުވެރިކަން މެންބަރުން ގަބޫލުނުކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މީކާއީލް ވަނީ ކެމްޕެއިންގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ވާދަވެރި ކެންޑިޑޭޓުގެ ޓީމަށް އިހުތިރާމާއި ލޯތްބާއެކު ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އަމާޒަކީ ރައީސް މުއިއްޒުގެ ސަރުކާރު ބަލިކަށިކޮށް ބަލިކުރުން ކަމަށާއި، އިންތިޚާބަށްފަހު އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް