ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މައްސަލަތަކެއް ހުރިކަން އޭނާވެސް ގަބޫލުކުރައްވާ ކަމަށާ، އެހެންނަމަވެސް ޕާޓީ ދޫކޮށް ދިއުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"ސަބަބުތަކެއް ހުރީމާ ދާނީ. އަޅުގަނޑު ދެކޭ ގޮތުގައި ހަމަ ހުރެފައެއް ނުދާނެ. އެމްޑީޕީ ދޫކޮށްފައި ދިއުން އެއީ ރަނގަޅުކަމެއް ނޫން، އަޅުގަނޑެއް އެ ޕާޓީ ދޫކޮށްފައެއް ނުދަން. އަޅުގަނޑު މިވާހަކަ މި ދައްކަނީ ޕާޓީގެ ހަމަ އެންމެ ސީނިއަރު މީހެއްގެ ހައިސިއްޔަތުން. އަޅުގަނޑު މި ޕާޓީގައި އުޅޭތާ 20 އަހަރު. އަޅުގަނޑު ޕާޓީއެއް ދުލެއް ނުކުރަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ރައީސް ނަޝީދު ގަބޫލުކުރެވެން ޖެހޭނެ،" އެމްޑީޕީ ފުރަތަމަ ރަޖިސްޓްރީކުރަން ކުރި މަސައްކަތުގައި ސޮއިކުރެއްވި 42 މެންބަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ދޮންބިލެތް އަހުމަދު ހަލީމް ވިދާޅުވިއެވެ.
ދޮންބިލެތް ވިދާޅުވީ މާޒީއަށް ބަލާއިރު އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަގާވާތަކުން ވައްޓާލުމުގައި ބައިވެރިވި މީހުންނާއެކު، އެމްޑީޕީގެ ދެވަނަ ސަރުކާރު ހިންގައިފި ކަމަށާ، އޭރު އެކަން މައްސަލައަކަށް ނުވާ ކަމަށެވެ.
"2018 ވަނަ އަހަރު މި ރާއްޖޭގެ ވެރިކަމަށް އައީ ކޯލިޝަނަކާއެކީ. އައިއިރުގައި އަޅުގަނޑުމެންގެ އެމްޑީޕީގެ ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުންނެވީ އިމްރާން އަބްދުﷲ ކިޔާ ބޭފުޅެއް. އެބޭފުޅާ ހުންނެވީ އަދާލަތުގައޭ. ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވީ ގާސިމް އިބްރާހީމްގެ އަނބިކަނބަލުންގެ އައިޝާ ޗީފް އޮފް ސްޓާފަކަށް ހުންނެވީ ޢަދާލަތު ޕާޓީގެ އަލީ ޒާހިރު. މި ބޭފުޅުންނަކީ 2008 ވަނަ އަހަރު އަޅުގަނޑުމެން އެންމެން އެތައް ބޮޑު ގުރުބާނީއެއް ވެގެން، އެތައް ބަޔަކު ޖަލަށް ވަދެ، އެތައް އަނިޔާއެއް ވެގެން، އެތައް މުޒާހަރާއެއް ކޮށްގެން އުފެއްދި އެމްޑީޕީގެ ސަރުކާރު ހެޔޮ ވެރިކަމެއް ކުރަމުން އަންނަނިކޮށް ބަގާވާތަކުން ވައްޓާލައިފި. އަދި އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް އެތައް އަނިޔާއެއް ލިބި، އެތައް ބަޔަކު ޖަލަށްލައި، މި މަސައްކަތް ކުރެއްވި ބޭފުޅުން، އެންމެ އިސްކޮށް ތިބި ބޭފުޅުން އެ ބޭފުޅުން ގޮވައިގެން އަޅުގަނޑުމެން ސަރުކާރެއް ހިންގައިފިން." ދޮންބިލެތް ވިދާޅުވި އެވެ.
އެމްޑީޕީއަށް ވެރިކަން ގެއްލި، މަޖިލިސް އިންތިހާބު ނާކާމިޔާބު ވުމުގެ ސަބަބަކީ ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ގަބޫލުކުރާ ކަމަށާ، ރައީސް ނަޝީދާ ދެކޮޅަށް އެވާހަކަ އެގޮތަށް ދައްކާކަން ޕްރެޒެންޓަރު ފާހަގަ ކުރެއްވުމުން، ދޮންބިލެތް ވިދާޅުވީ ރައީސް ނަޝީދު ބަލައިގަންނަންޖެހޭ ސަބަބަކީވެސް އެއީ ކަމަށެވެ.
"ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްފައި ދިޔައިމަ، އެމްޑީޕީއަށް ވެރިކަން ގެއްލުނު ކަމަށް ގަބޫލުކުރެވޭނަމަ، ރައީސް ނަޝީދު ނެތީމަ އެމްޑީޕީއަށް މަޖިލިސް ނުލިބުނުކަން ގަބޫލުކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް އެންމެ މުހިންމީ ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް އައުން." ދޮންބިލެތް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް ވެރިކަން ލިބޭވަރު ކަމެއް ނުކުރާންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ."
ދޮންބިލެތް ވިދާޅުވީ ރައީސް ނަޝީދު ހިންގެވި ވަރަށް އެމްޑީޕީ މިހާތަނަށް އެއްވެސް ބޭފުޅަކަށް ނުހިންގެވޭ ކަމަށާއި އެމްޑީޕީ ދެފަހަރު ވެރިކަމަށް އައުމުގައިވެސް އެމަނިކުފާނުގެ ހިއްސާ ބޮޑު ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކުރެވޭ ފާޑުކިޔުންތަކާ ގުޅޭގޮތުން، ދޮންބިލެތް ވިދާޅުވީ ބަގާވާތުގެ ވާހަކަ ފަހަތަށް ދޫކޮށްލާފައި، އެ ބޭފުޅުންނާއެކީގައި އުޅެވުނުއިރު ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގެން ޗެއާޕާސަންކަމަށް ވާދަކުރެއްވީމާ، އެކަން ބަލައި ނުގަނެވޭނަމަ އެއީ އުސޫލީ މައްސަލައެއް ނޫން ކަމަށާ އެއީ ޒާތީ މައްސަލައެއް ކަމަށެވެ.




