ފުލުހުން އަދަދު ނޫސް ހުންނަ އިމާރާތް ކައިރި ތިބިއިރު، އެ ނޫހުގެ ސީއީއޯ ފިޔާޒު ފުލުހުންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ސޯޝަލްމީޑިއާ
އަދަދުގެ ދިފާއުގައި ސީޕީޖޭގެ ސިޓީއެއް ރައީސް މުއިއްޒަށް
ޗެނަލް 13 އިން ޕީއެންއެފްގެ މުޒާހަރާތައް ގެނެސްދިނުން ހުއްޓާލުމަށް މީޑިއާ ކޮމިޝަނުން އަންގާފައިވާތީ އެކަމާމެދު ވެސް މި ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވޭ
ޖުނާން އަޙުމަދު 8 މޭ 2026 (ހުކުރު)   16:39
'އަދަދު' ނޫހުން އުފައްދާ އެ ނޫހުގައި ޝާއިއުކުރި ޑޮކިއުމެންޓްރީ 'އައިޝާ' ގައި، ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ކުރުމާ ގުޅިގެން، އެ ނޫހުގެ އިސްވެރިން އަދި އެ ނޫހާ ދެކޮޅަށް ވެސް ގާނޫނީ ފިޔަވަޅެއް ނޭޅުމަށް ގޮވާލާ ސީޕީޖޭ (ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް) އާއި މިފަދަ އިތުރު ޖަމިއްޔާތަކެއް ގުޅިގެން ރައީސް މުއިއްޒުއަށް ސިޓީއެއް ފޮނުވައިފިއެވެ.

އަދަދު ނޫހުން 'އައިޝާ' ޑޮކިއުމެންޓްރީ ގެނެސްދީފައިވަނީ މިދިޔަ މާރިޗު މަހުގެ 28 ގައެވެ. އެހެންކަމުން އެކަމާގުޅިގެން ކަމަށް ބުނެ، އަދަދު ނޫހުގެ އިދާރާއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި އެ އިދާރާއިން ވަނީ ގެންގޮސްފައެވެ.

އަދި، އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ހިފެހެއްޓުމަށް ފަހު، ހަސަންއާ ފިޔާޒަށް ޖިނާއީ ފަސް ތުހުމަތެއް ކޮށް، އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސުވާލުތަކެއް ކުރުމަށްޓަކައި، ފިޔާޒް އާއި ހަސަން ފުލުހަށް ހާޒިރު ވެސް ކުރިއެވެ. އެއަށްފަހު އެ ދެ މީހުން ވެސް ވަނީ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފައެވެ.

އަދި، އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ސިޔާސީ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވެސް ފުލުހަށް ހާޒިރުކޮށް، އޭނާގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

އަދަދު ނޫހާމެދު މުއިއްޒުގެ އަމުރަށް މި އަޅަންފެށި ފިޔަވަޅުތަކާ ގުޅިގެން، ރައީސް މުއިއްޒަށް އެޑްރެސްކޮށް ނުވަ ޖަމްއިއްޔާއަކުން ފޮނުވި މި ސިޓީއަކީ، 'އަދަދު' ނޫހާ ދެކޮޅަށް ފަށާފައިވާ ޖިނާއީ ތަހުގީގު ހުއްޓާލާ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ހިންގަމުންދާ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ފޮނުވާފައިވާ ސިޓީއެކެވެ.

މި ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، މީޑިއާތައް ކޮންޓްރޯލު ކުރެވޭ ގޮތަށް މި ސަރުކާރުން ފާސްކޮށްފައިވާ ގާނޫނާ އެކު ބްރޯޑްކާސްޓް ކުރުމަށް ހުރަސްތަކެއް ހުރިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން، ޗެނަލް 13 އިން ޕީއެންއެފްގެ މުޒާހަރާތައް ލައިވްކޮށް ގެނެސްދިނުން ހުއްޓާލުމަށް މި ސަރުކާރުގެ މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުން އަންގާފައިވާތީ އެކަމާމެދު ވެސް ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަނުގެ މަސައްކަތްތައް ހުރީ މިނިވަން ނޫސްވެރިކަން ހުއްޓުވުމާ ދިމާލަށް ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން، ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޖިނާއީ ތަހުގީގުތައް ހުއްޓާލާ، ރާއްޖޭގައި ނޫސްވެރިންނަށާ ނޫސްވެރިކަމަށް މިނިވަން މާހައުލެއް ގާއިމްކޮށްދިނުމަށް ގޮވާލާ އެ ސިޓީގައި ވަނީ، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުމަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުހަދާތަކާ ވެސް މުޅީން ހިލާފުކަމެއްކަމަށެވެ.

ކޮމެންޓް