
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުކުރިކަމުގެ ތުހުމަތު ކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހެޅި މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ، ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް މިއަދު ވަނީ ހުކުމް ކޮށްފައެވެ.
ޓްރާންސްޕޭރެންސީން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާންގެ މައްޗަށް އިއްވި ޖަލު ހުކުމް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.
ޓްރާންސްޕޭރެންސީން ފާހަގަކުރި ގޮތުގައި އެ މައްސަލައިގައި އެ ދެ ނޫސްވެރިންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ވެސް އެކަށީގެންވާ ފުރުސަތެއް ދީފައެއް ނުވެއެވެ. އެހެންކަމުން އަދުލުވެރިކަމާއެކު ޝަރީއަތް ހިންގުމާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް އުފެދޭ ކަމަށް ޓްރާންސްޕޭރެންސީން ބުނެފައި ވެއެވެ.
ހަމައެއާއެކު އެފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ރާއްޖޭގެ ޑިމޮކްރެޓިކް ޖަވާބުދާރީވުން ބަލިކަށިވެގެންދާ ކަމަށާއި އެއީ ޑިމޮކްރެޓިކް ވެރިކަމުގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެފައި ވެއެވެ.
އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅުވައި ކޯޓުން އަމުރު ނެރެ، އަދި އެ އަމުރާ ހިލާފުވި ކަމަށްބަލައި ޝަހުޒާން އާއި ލީވާން ޖަލަށްލީއިރު، އެ ޑޮކިއުމެންޓްރީ މައްސަލާގައި އެންމެ ފުރަތަމަ ދައުވާ ކުރީ އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަށާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ކުރާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ވަނީ މާދަމާ 13:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައެވެ.
މި ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ، އާންމުންނާއި ނޫސްވެރިންނަށްވެސް ނުވަދެވޭނޭހެން ސިއްރުކޮށްގެންނެވެ.




