ނާޒިމް ސައްތާރު.--
ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ފިޔެސް 9 މޭ 2026 (ހޮނިހިރު)   06:10
ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު 2026 މެއި 8 ވަނަ ދުވަހުގެ ރޭ 00:09 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވާ ކަމަށެވެ.

ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ހަމަލާދީފައިވަނީ ގ.ކެނެރީގޭ، އަޙްމަދު ނާޒިމް ސައްތާރަށެވެ. އޭނާއަކީ ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

ރައީސް ނަޝީދު ވަނީ މިހާދިސާގެ ޚަބަރު އެމްޑީޕީގެ ގްރޫޕެއްގައި ހިއްސާ ކުރައްވާފައެވެ.

"ރޭ ދަންވަރު އަޅުގަނޑުގެ ކޮއްކޮ ނާޒިމް ގަޔަށް ވަނީ ވަޅި ޖަހާފައި. އޭނާ މިހާރު ހޮސްޕިޓަލުގައި،" ނަޝީދު ރޭ ފަތިހު ވިދާޅުވެފައި ވެއެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ނިއުދިއްލީ ގައެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަފުސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ އަނިޔާވެފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.  

ކޮމެންޓް