
ފުލުހުން ބުނީ މި މީހުން އަތުލައިގެންފައި ވަނީ، ފުލުހުން މާލެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައިކަމަށެވެ.
އަދި މި އޮޕަރޭޝަނަކީ، މިދިޔަ ހޯމަ ދުވަހު ރާއްޖެއައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، ފެށި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ އަބްދުﷲ ރާއިފް 27، ހިޔާވަހި، ލ. ކަލައިދޫ، އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންކަމުގައިވާ އެމް ޑީ ޖޯޝިމް އުއްޑިން 43، އަދި މަމުން ދަލި 32، އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝް ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރާ ކަމަށް ބެލެވިގެން ހިންގަންފެށި މި އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓެއް ވެސް ބަލައިފާސްކޮށް، 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށާ، އެހެންކަމުން ކަސްޓަމްސްއިން އަތުލައިގަތް ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މި އޮޕަރޭޝަންގައި، ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.




