އޭޓީއެމްގައި ބޭއްވިފައި އޮތް ކޭޝް ކާޑަކުން ވިޔަފާރިކުރިކަމަށް ތުހުމަތުކުރެވޭ މީހާ.--
އޭޓީއެމްގައި ބޭއްވިފައި އޮތް ކޭޝް ކާޑަކުން ވިޔަފާރިކުރި މީހަކު ހޯދަނީ
ކާޑު ނަގައިގެން ގޮސް އެމީހާ ވަނީ، އެ ކާޑުގެ ބޭނުންކޮށްގެން އެކިއެކި ތަންތަނުން ވިޔަފާރިކޮށް ނާޖާއިޒް ފައިދާތަކެއް ހޯދާފައި
މަރްޔަމް މުޙައްމަދު 11 މޭ 2026 (ހޯމަ)   06:05
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއަކަށް ހިދުމަތްހޯދުމަށް ދިޔަ މީހަކަށް ހަނދާންނެތި ބޭއްވިފައި އޮތް ކޭޝް ކާޑެއް ވަގަށް ނަގައިގެން ގޮސް، އެ ކާޑު ބޭނުންކޮށްގެން އެކިއެކި ތަންތަނުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލައަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްކަމަށާ، އެ ހާދިސާ ހިނގާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއެއްގައި ކަމަށެވެ.

އަދި އެތަނަށް ދޫކޮށްލެވިފައި އޮތް ކޭޝް ކާޑެއް ނަގައިގެން ގޮސް، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އެކި ތަންތަނުން މީހަކު ވިޔަފާރިކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދާ މީހާއަކީ ކާކުކަން މިހާތަނަށް ކުރި މަސައްކަތުން ދެނެގަނެވިފައެއް ނުވާއިރު، އެ މީހާ ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުކޮށް، އެމީހާ ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދެއެވެ.

ފުލުހުން އާންމުކުރި މި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިފައި ވާއިރު، މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު ވެސް އަދާކޮށްފައެވެ.

ކޮމެންޓް