
އާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ، "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ "އައިޝާ" ފެތުރުން ހުއްޓާލުމާއި، އޭގައިވާ ވާހަކަތައް އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގައި ހިމެނޭ ހަސްމުންނާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމުގެ އިތުރުން ޝަރީއަތުގެ ލިޔެކިޔުންތައް އާންމު ނުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށް، އެކަމާގުޅިގެން އެ ނޫސްއިދާރާގެ ނޫސްވެރިން ކޯޓަށް ހާޒިރުވުމަށް އަންގަމުންދާ މި ދަނޑިވަޅުގައެވެ.
އާޒިމް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންނާއި ކޯޓުތައް ބޭނުންކޮށްގެން ވެރިކަންކުރުމަކީ މި ގައުމުގައި ކުރެވޭނެ ކަމެއްނޫންކަމަށާ، އެދުވަސް ނިމިއްޖެ ކަމަށެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ބިރު ދެއްކުމުގެ ގޮތުން ނެރެފައިވާ އަމުރެއް ކަމަށް އިއްޔެ އާދަމް އާޒިމް ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އާޒިމް އިއްޔެ ވިދާޅުވީ، އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތެއްގެ މަތިން ހިޔާލު ފާޅުކުރުމާއި ވާހަކަ ދެއްކުމުގެ ހައްގަކީ ކޮންމެ ދިވެއްސަކަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށާ، ދިވެހިރާއްޖެ މިއަދު މިދެކޭ މިނިވަން ހިޔާލުގެ މައްޗަށް ފިކުރުކޮށް ބަސްބުނުމުގެ ހައްގަކީ އެތައް ބައެއްގެ މިންނެތް މަސައްކަތުން ހޯދި އެއްޗެއް ކަމަށެވެ.
އެހެންކަމުން އެ ހައްގު ނިގުޅައިގަނެ ހުދުމުހުތާރު ކަމަށް އެ ނިޒާމު ފުރޮޅިގެންދާއިރު މަޑަކުން ނުތިއްބަވާނެ ކަމަށްވެސް އާޒިމް އިއްޔެ ވަނީ ވިދާޅުވެފައެވެ.
"އައިޝާ" ޑޮކިއުމެޓްރީގެ މައްސަލަ ކްރިމިނަލް ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިހާރު ހުށަހަޅާފައިވާއިރު، ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ބަންދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިކަން ފާހަގަކޮށްލެވެއެވެ.
މިކަމާގުޅިގެން ކްރިމިނަލްކޯޓުން ކޮށްފައިވާ އަމުރުގައި ވަނީ، ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ފާފައެއް ކަމަށާ، އިންސާނާގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމުގެ މަގްސަދުގައި މިކަން ހަރުކަށި އިބާރާތުން ނަހީކޮށް، ބޮޑެތި އަދަބުތައް ވަނީ ކަނޑައެޅިފައިކަމަށެވެ.
އަދި މީހެއްގެ މައްޗަށް ދައުވާ އުފުލުނު ކަމުގައިވިޔަސް، އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު އޮންނާނެ ކަމަށާ، އެކަށީގެންވާ މިންވަރަށް ކުށް ސާބިތުނުވާހާ ހިނދަކު އެއީ ކުށްވެރިއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް ކޯޓުއަމުރުގައި ވާއިރު، ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ ފަރާތާއި އަނިޔާލިބުނު ފަރާތުގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކުރަންޖެހޭނެ ކަމަށް ވެސް އެ ކޯޓުއަމުރުގައި ވެއެވެ.
ގާޒީ މުޒައްމިލް ނާސިރު ނެރުއްވި އަމުރުގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި، އެ މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަކީ ކޯޓުތަކުގެ މައްޗަށް އޮތް ޒިންމާއެއްކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އިއްޔެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައާ ގުޅިގެން ކުރި އަމުރާ ހިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަމަލުކޮށްފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް 'އަދަދު' ނޫހުގެ ނޫސްވެރިން ވަނުން މިހާރު ވަނީ މަނާކޮށްފައެވެ.
ރައީސް އޮފީހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެ އޮފީހަށް މައުލޫމާތު ދީފައިވާ ކަމަށާ، އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަމުންދާކަމަށް އެ އޮފީހަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، އެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ހުއްދަ ދޫނުކުރުމަށް ނިންމައިފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިކަމާގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ އަދި އެމްޖޭއޭ (މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން) ގެ ނައިބު ރައީސް މުހައްމަދު ޝަހްޒާން ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެފައިވާ ކަމަށް ބެލެވޭތީ، އެ މައްސަލައިގައި ޖަވާބުދާރީވުމަށް މިއަދުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާފައި ވެއެވެ.
ޝަހްޒާން ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވި އަމުރުގައި ބުނެފައިވަނީ، އެ ކޯޓުން ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު ނެރެފައި ވަނިކޮށް، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހްޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، އެ އަމުރާއި ހިލާފު ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
ޝަހްޒާންގެ އިތުރުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ކޯޓަށް ހާޒިރުވުމަށް އިއްޔެ އަންގާފައި ވާއިރު، ކްރިމިނަލް ކޯޓުން ލީވާން އަށް ފޮނުވާފައިވާ ޗިޓުގައި ވަނީ އެ ކޯޓުން އޭނާ ހާޒިރުކުރަނީ "އައިޝާ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ހުރިހާ ރައްޔިތުންނަށް އަމުރުކޮށްފި" ސުރުހީގައި ޝާއިއުކޮށްފައިވާ ހަބަރާ ގުޅިގެންކަމަށެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ލީވާން ހާޒިރުކުރަނީ އެ ހަބަރަކީ، ކޯޓުގެ ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު ނުވަތަ ގެގް އޯޑަރާ ހިލާފު ހަބަރެއްތޯ ބެލުމަށެވެ. އޭނާ ކޯޓަށް ހާޒިރުވާން ޖެހެނީ މިއަދު މެންދުރު 11:00 އަށެވެ.
'އަދަދު' ނޫހުގެ ނޫސްވެރިންނާއި އެ ނޫހުގެ މެނޭޖްމެންޓާމެދު މިސަރުކާރުން އަމަލުކުރާގޮތުން ސީޕީޖޭ (ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް) އިން އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައިކަން ވެސް ފާހަގަކޮށްލެވެއެވެ.
އެގޮތުން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއި ދައުވާތައް ކުރުމާއި، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބޭރުކޮށްލުން، ސީޕީޖޭއިން ކުށްވެރިކޮށްފައި ވާއިރު، އަދަދު ނޫހުގެ 'އައިޝާ' ޑޮކިއުމެންޓްރީގެ މައްސަލައިގައި ފިޔާޒާއި ހަސަން ގެ މައްޗަށް ވަނީ، ގަޒުފުކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލްކޯޓުގައި އުފުލާފައި ކަން ވެސް ފާހަގަކޮށްލެވެއެވެ.
އަދަދު ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ހިފެހެއްޓުމަށް ފަހު، ހަސަންއާ ފިޔާޒަށް ޖިނާއީ ފަސް ތުހުމަތެއް ކޮށް، އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސުވާލުތަކެއް ކުރުމަށްޓަކައި، ފިޔާޒް އާއި ހަސަން ފުލުހަށް ހާޒިރު ވެސް ކުރިއެވެ. އެއަށްފަހު އެ ދެ މީހުން ވެސް ވަނީ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފައެވެ.
އެ މައްސަލައިގައި ފިޔާޒު އާއި ހަސަންގެ އިތުރުން އެ ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ތުހުމަތުކުރާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް ވެސް ވަނީ ޕާސްޕޯޓު ހިފަހައްޓާ، ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ވެސް ނަގާފައެވެ. އެހެންނަމަވެސް އޭނާގެ ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދިންކަމަށް އޭނާގެ ވަކީލު ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވެއެވެ.
'އަދަދު' ނޫހުގެ އިސްވެރިން އަދި އެ ނޫހާ ދެކޮޅަށް ވެސް ގާނޫނީ ފިޔަވަޅެއް ނޭޅުމަށް ގޮވާލާ ސީޕީޖޭ (ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް) އާއި މިފަދަ އިތުރު ޖަމިއްޔާތަކެއް ގުޅިގެން ރައީސް މުއިއްޒުއަށް ބުޜާސްފަތި ދުވަހު ވަނީ ސިޓީއެއް ވެސް ފޮނުވާފައިކަން ފާހަގަކޮށްލެވެއެވެ.
އަދަދު ނޫހާމެދު މުއިއްޒުގެ އަމުރަށް މި އަޅަންފެށި ފިޔަވަޅުތަކާ ގުޅިގެން، ރައީސް މުއިއްޒަށް އެޑްރެސްކޮށް ނުވަ ޖަމްއިއްޔާއަކުން ފޮނުވި މި ސިޓީއަކީ، 'އަދަދު' ނޫހާ ދެކޮޅަށް ފަށާފައިވާ ޖިނާއީ ތަހުގީގު ހުއްޓާލާ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ހިންގަމުންދާ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ފޮނުވާފައިވާ ސިޓީއެކެވެ.
މި ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، މީޑިއާތައް ކޮންޓްރޯލު ކުރެވޭ ގޮތަށް މި ސަރުކާރުން ފާސްކޮށްފައިވާ ގާނޫނާ އެކު ބްރޯޑްކާސްޓް ކުރުމަށް ހުރަސްތަކެއް ހުރިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައި ވެއެވެ.
އެގޮތުން، ޗެނަލް 13 އިން ޕީއެންއެފްގެ މުޒާހަރާތައް ލައިވްކޮށް ގެނެސްދިނުން ހުއްޓާލުމަށް މި ސަރުކާރުގެ މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުން އަންގާފައިވާތީ އެކަމާމެދު ވެސް ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަނުގެ މަސައްކަތްތައް ހުރީ މިނިވަން ނޫސްވެރިކަން ހުއްޓުވުމާ ދިމާލަށް ކަމަށް ބުނެފައި ވެއެވެ.
އެހެންކަމުން، ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޖިނާއީ ތަހުގީގުތައް ހުއްޓާލާ، ރާއްޖޭގައި ނޫސްވެރިންނަށާ ނޫސްވެރިކަމަށް މިނިވަން މާހައުލެއް ގާއިމްކޮށްދިނުމަށް ގޮވާލާ އެ ސިޓީގައި ވަނީ، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުމަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުހަދާތަކާ ވެސް މުޅީން ހިލާފުކަމެއްކަމަށެވެ.




