މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ކުރަމުންދަ އަމަލުތަކަށް ފިޔަވަޅު އެޅުމަށް ގޮވައިލާ ޕީއެންސީގެ ފަރާތުން ހުށަހަޅާފައި އޮތް ގަރާރުގެ ބަހުސް ކުރިއަށްދިޔައިރު މެންބަރު މީކާއީލް ވިދާޅުވީ އެ ގަރާރު މަޖިލީހަށް ހުށަހެޅީ "ސޯފާއެއް"ގެ މައްސަލައާ ހުރެ ކަމަށެވެ.
އެޔާއެކު ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ނިޒާމީ ނުކުތާ ނަންގަވައި އެވާހަކަ އެގޮތަށް ނުދެއްކެވޭނެ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ފަހުންވެސް ވާހަކަ ކުރިއަށް ގެންދަވަމުން މީކާއީލް ވިދާޅުވީ، "ސޯފާގެ މައްސަލައެއްގައި ހުށަހަޅާފައި އޮތް މައްސަލައަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދެވޭނެ،" ކަމަށެވެ.
ތަކުރާރުކޮށް ޕީއެންސީ ލީޑަރު ނިޒާމީ ނުކުތާ ނެންގެވުމުންވެސް އަދި އޭގެ ފަހުން ރިޔާސަތުންވެސް ޕީއެންސީ ޕީޖީ ލީޑަރު ވިދާޅުވި ގޮތަށް ކޯޓު އަމުރެއް އޮތް މައްސަލެއް ކަމަށް ވިދާޅުވުމުންވެސް މީކާއީލްގެ ވާހަކަ ކުރިއަށް ގެންދެވީ އެ ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެއެވެ.
"ދުލުގެ މިނިވަންކަމަކު ތަޅެއް ނޭޅުވޭނެ. ނޫސްވެރިންނަކަށް ބިރެއް ނުދެއްކޭނެ. އަދަދު ނޫހެއް ފަހަތަކަށް ނުޖެއްސޭނެ. އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއެއްވެސް ފަހަތަކަށް ނުޖެއްސޭނެ އިއްޒަތްތެރި ރައީސް." މީކާއީލް ވަރަށް ޖޯޝުގައި ވިދާޅުވި އެވެ.
މީކާއީލް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިތުރުން ހައިކޯޓުގެ އިތުރުން ސުޕްރީމް ކޯޓުން އަމުރު ނެރުނަސް އެވާހަކަ ދައްކަވާނެ ކަމަށެވެ. އެއީ އެތައް ޒަމާންތަކެއް ވަންދެން ބައެއްގެ ގުރުބާނީން ހޯދާފައިވާ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ކަމަށާއި އެކަމުގެ ބޭނުން ކުރައްވާނެ ކަމަށެވެ.
އަދަދު ނޫހުން އުފެއްދި 'އައިޝާ' ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވަނީ ޖިނާއީ ދައުވާ ކޮށްފައެވެ. އަދި އެ ޑޮކިއުމެންޓްރީ ދައުރުކުރުން މަނާކޮށް، އެ ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް، އެއްވެސް ތަނެއްގައި އެއްވެސް ރައްޔިތަކު ދެއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ރޭ ވަނީ ކޯޓު އަމުރެއްވެސް ނެރެފައެވެ.




