
ޕީއެންއެފްގެ މީޑިއާ ގްރޫޕަށް ރައީސް ޔާމީން ފޮނުވި މަސެޖެއްގައި ވިދާޅުވި ގޮތުގައި ނޫސްވެރިން ކުރަމުންދަނީ ގައުމީ މުހިންމު މަސައްކަތެކެވެ. އަދި އެ މަސައްކަތަށް ހުރަސްއެޅުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި ހައްޔަރުކުރުމުގެ ބަދަލުގައި، އަމަލުކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް. އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަމާތޯ،" ޔާމީން ވިދާޅުވިއެވެ.
ލީވާނަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ނަމުގައި އަދަދު ނޫހުގައި ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ. ޝަހުޒާނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ މުހައްމަދު މުއިއްޒުއާ އަމާޒުކުރި ސުވާލެއްގެ ސަބަބުންނެވެ.
އަދަދުގެ ދެ ނޫސްވެރިންނަށް ވެސް ހުކުމް އިއްވީ ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދީ އެވެ. ދެ ނޫސްވެރިންނަށް ވެސް ވަކީލެއް އައްޔަނުކުރުމަށް ދިނީ އެންމެ 2 ގަޑިއިރުގެ މުއްދަތަކެވެ.
މިއީ މި ފަހުގެ ތާރީހުގައި ނޫސްވެރިންނާ މެދު އެންމެ ހަރުކަށިކޮށް އަމަލުކުރި ފަހަރެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން އަންނަނީ މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި އައި ކަޅު ދުވަހެއްކަން ފާހަގަކޮށް ޖަލަށްލީ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.




