އެމްޑީޕީ އިން ބޭއްވި ރެލީއެއްގެ ތެރެއިން.--
ޝަހުޒާން އާއި ލީވާން ވަގުތުން މިނިވަންކުރުމަށް އެމްޑީޕީން ގޮވާލައިފި
ޖުނާން އަޙުމަދު 13 މޭ 2026 (ބުދަ)   07:29
އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލުމާ ގުޅިގެން، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ދެ ނޫސްވެރިން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުކުރިކަމުގެ ތުހުމަތު ކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހެޅި މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ، ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް މެއި 12 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ނޫސްވެރިން ކުރީ ޖިނާއީ ކުށެއް ނޫންކަމަށާ، އެއީ ނޫސްވެރިކަމުގެ އަސާސީ ޒިންމާ ތަކެއް ކަމަށެވެ. އެ ނޫސްވެރިންގެ މައްޗަށް ދައުވާކޮށް ޖަލަށް ލުމަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ގަސްދުގައި ދިން ސީދާ ހަމަލާއެއް ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

މި ދެ ނޫސްވެރިންނަށް ވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށޭނަ ފުރުސަތު ނުދީ، ދިފާއުވުމަށް އެކަށީގެންވާ ވަގުތު ދީފައިނުވާތީ އެމްޑީޕީން ވަނީ އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިއީ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އަރައިގަނެ، ގާނޫނީ އިޖުރާއަތްތަކަށް ކުޑައިމީސްކުރުމުގެ އަމަލެއްކަން އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ. ނޫސްވެރިން ހައްޔަރުކުރުމަކީ ރައީސް މުއިއްޒުގެ އަމަލުތަކާ ގުޅޭގޮތުން ކުރެވޭ ސުވާލުތައް ހުއްޓުވައި، ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ދައުލަތުގެ ބާރުގެ ބޭނުންކޮށްގެން ހިންގާ ސިލްސިލާ އަމަލުތަކުގެ ބައެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހީނަރުވަމުންދާ މައްސަލައިގައި ދިވެހި ސަރުކާރާ އެކު އަވަސްގޮތެއްގައި މަޝްވަރާކޮށް، ސަރުކާރަށް ސާފު މެސެޖެއް ދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

އަދި ޝަހުޒާން އާއި ލީވާން ވަގުތުން މިނިވަންކުރުމަށާއި، މިނިވަން ނޫސްވެރިކަން ހިމާޔަތްކުރުމަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ނެގެހެއްޓުމަށް ކަމާބެހޭ ފަރާތްތަކަށް، އެމްޑީޕީން އިނގިރޭސި ބަހުން ނެރެފައިވާ އެ ބަޔާނުގައި އިލްތިމާސްކޮށްފައި ވެއެވެ.

ކޮމެންޓް