ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި.- ފޮޓޯ: ޕީއެންއެފް
ނަޝީދާއި ސޯލިހާއެކު މަސައްކަތް ކުރަން ތައްޔާރު: ޔާމީން
ހަސަން އިބްރާހީމް 13 މޭ 2026 (ބުދަ)   17:35
ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވި ގޮތުގައި ނަޝީދާއި ސޯލިހާއެކު މަސައްކަތް ކުރައްވަން ނިންމީ ނޫސްވެރިންގެ ދިފާއުގައި ކަމަށެވެ. އެއީ، ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާކޮށް، ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައިވާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން އެގޮތަށް ނިންމެވިކަން އިއުލާން ކުރެއްވީ އެކުގައި މަސައްކަތްކުރަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ގޮވާލައްވާފައި ވަނިކޮށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ އެއީ ނަޝީދާއި ޔާމީން އަދި ސޯލިހު އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ.

ފައްޔާޒުގެ އެ ޕޯސްޓަށްފަހު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖަށް މިރޭ އެމަނިކުފާނު ވެސް މަގުމައްޗަށް ނިކުންނަވާނެ ކަމަށެވެ.

ސަރުކާރަށް ދެކޮޅަށް ކޮންމެ ރެއަކު ވެސް އެމްޑީޕީންނާއި ޔާމީންގެ ޕީއެންއެފްއަށް ސަޕޯޓްކުރާ މީހުން ސިލްސިލާ މުޒާހަރާތައް ކުރަމުންދެ އެވެ.

އަދަދު ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރަށް ތަބާނުވެ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ދެ ނޫސްވެރިއަކު ޖަލަށްލާން އިއްޔެ ކުރި ހުކުމަށް ކުރީގެ ތިން ރައީސުން ވެސް ފާޑު ވިދާޅުވެ، އެ ނޫސްވެރިން ދޫކޮށްލަން ގޮވާލާފައި ވެއެވެ.

ކޮމެންޓް