
ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ކުރެއްވި ހުވަޔާ ހިލާފުވެ ބުއްދިފިލައި ގޮސްފައިވާކަމަށެވެ.
"ތަފާތު ވިސްނުންތައް އެއް ފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ. މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު،" ތިން ރައީސުން ޓެގްކުރައްވައި ފައްޔާޒު ލިޔުއްވާފައި ވެއެވެ. "އަޅުގަނޑުމެން މި ތިބީ ތިން ރައީސުންނާއެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް."
އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހްޒާނާއި ލީވާން ޢަލީ ނާސިރަށް ހުކުމްކޮށް ޖަލަށް ލާފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ފައްޔާޒު އިލްތިމާސް ކުރައްވާފައިވަނީ، އެ ނޫސްވެރިން މިހާރުން މިހާރަށް މިނިވަންކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތް ކޮށްދިނުމަށެވެ.
ލީވާނަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ނަމުގައި އަދަދު ނޫހުގައި ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ. ޝަހުޒާނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ރައީސް މުއިއްޒުއާ އަމާޒުކުރި ސުވާލެއްގެ ސަބަބުންނެވެ.
އަދަދުގެ ދެ ނޫސްވެރިންނަށް ވެސް ހުކުމް އިއްވީ ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދީ އެވެ. ދެ ނޫސްވެރިންނަށް ވެސް ވަކީލެއް އައްޔަނުކުރުމަށް ދިނީ އެންމެ 2 ގަޑިއިރުގެ މުއްދަތަކެވެ.
މިއީ މި ފަހުގެ ތާރީހުގައި ނޫސްވެރިންނާ މެދު އެންމެ ހަރުކަށިކޮށް އަމަލުކުރި ފަހަރެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން އަންނަނީ މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި އައި ކަޅު ދުވަހެއްކަން ފާހަގަކޮށް ޖަލަށްލީ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.




