
ފައްޔާޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށާއި އެކަމަކު ވީތަދުގެ ރިހުމާއި، ހަނދާން އެބަހުރި ކަމަށެވެ.
"ބޭނުމީ ކުރިޔައްދެވޭނެ ގޮތެއް. ގައުމު އަނބުރާ ހޯދުން،" ފައްޔާޒު ވިދާޅުވިއެވެ.
އަދި އެކަން ކުރެވެން އަންނަނީ "ބޮޑު ބަދަލު" ގެ ސަބަބުންނާއި "އަންނި" އެމްޑީޕީގެ ޗެއާޕާސަނަކަށް ހޮވައިގެން ކަން އޭނާގެ އެކްސް ޕޯސްޓްގައި ޓެގް ކުރައްވާފައިވާ ގޮތުން ހާމަވެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީ ވެރިކަމުގައި އޮތްއިރު އެ ޕާޓީ ބައިބައިވެގެން ދިޔަ ދިއުމާ ގުޅިގެން ކަމަށް ބެލެވެއެވެ. އަދި މިހާރު ކުރިއަށްދާ އެމްޑީޕީ ޗެއާޕާސަން ކެމްޕޭނުގެ ތެރޭގައި އެވާހަކަ ތަކުރާރުކޮށް ދެކެވެމުންދާތީ ކަމަށް ގަބޫލު ކުރެވެއެވެ.
އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވަވާ ފަރާތްތަކުން އެމްޑީޕީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފައްދާފައެވެ.
ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދާ އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން އެމްޑީޕީން ވަކިވެ، ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރުމުންނެވެ.
ނަމަވެސް މިހާރު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ވަނީ އެމްޑީޕީއާ އަލުން ގުޅިފައެވެ. އަދި ނަޝީދަކީ ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ވާއިރު، އެމަނިކުފާނާއެކު އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ފައްޔާޒެވެ. ސިޔާސީ ގޮތުން ރާއްޖެއަށް ގެންނަން ހުށަހަޅާ "ބޮޑު ބަދަލު" ގެ ވާހަކަ އެ ދެބޭފުޅުން އެކުގައި ތިއްބަވައިގެން ގެންދަވަނީ ދައްކަވަމުންނެވެ.




