
ތިން ރައީސުން އެކުގައި ފުރަތަމަ ފަހަރަށް ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް "ފާޅުގައި އަރައިގަނެ" ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ކަމަށެވެ.
އެހެންކަމުން އެކަންކަމާ ދެކޮޅަށް ހާއްސަ ގޮތެއްގައި ހައްޔަރުކޮށްފައި ތިބި ނޫސްވެރިން ދޫކޮށްލުމަށާއި ނޫސްވެރިންނަށް ކުރަމުންދާ ދައުވާތައް އަނބުރާ ގެންދިޔުމަށް ތިން ރައީސުންވެސް ގޮވައިލެއްވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ތިން ރައީސުން ވިދާޅުވީ އެ ބޭފުޅުން މިއަދު ނުކުމެ ތިއްބެވީ އެ ބޭފުޅުންގެ ވެރިކަންތަކަކީ އެންމެ ފުރިހަމަ ވެރިކަންތައް ކަމަށް ދައުވާކުރައްވަން ނޫން ކަމަށާއި ކޮންމެ ވެރިކަމެއްގައި ވެސް އިސްލާހުކުރަންޖެހޭ ކަންތައްތަކާއި މައްސަލަތައް ހުންނާނެކަން ގަބޫލު ކުރައްވާ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު ރާއްޖޭގެ ކަންކަން ހުރި ގޮތުން ގައުމު މިވަނީ ވިހި އަހަރު ފަހަތަށް ގޮސްފައި ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް އެކި ދައުވާތައް އުފުލި ނަމަވެސް، ޝަރުއީ ކޯޓުތަކުން އެ ދައުވާތަކުން ބަރީއަވެފައިވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، މިއަދު ތިން ރައީސުން އެކުގައި ނޫސްވެރިންގެ ދިފާއުގައި ނުކުތުމަކީ ނޫސްވެރިން އުފާކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މި ވަގުތަކީ ރައީސުންގެ ނިޔަތާމެދު ސުވާލު އުފައްދަންވީ ވަގުތެއް ނޫން ކަމަށާއި، އެންމެ ބޮޑު މަސްލަހަތަކީ ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ތިން ރައީސުން ސޮއިކުރައްވާ އާންމުކުރެއްވި ބަޔާން.--
ރައީސް ނަޝީދު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް ވިހި އަހަރު ފުރެންދާއިރު، އަލުން އަނބުރާ ނޫސްވެރިކަމުގެ ދިފާއުގައި މަގުމައްޗަށް ނުކުންނަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމަކީ ވެސް ފުރިހަމަ ވެރިކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދާ މަންޒަރުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ، ހިޔާލު ތަފާތުކުރުންތަކެއް ހުރިނަމަވެސް، އެކަންކަން އެކަހެރިކޮށް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭންޖެހޭކަން ގަބޫލުކުރެއްވޭތީ ކަމަށެވެ.
ތިން ރައީސުން ވެސް އިއްތިފާގުވެވަޑައިގެންނެވި ގޮތުގައި، ވެރިކަމެއްގައި ހުންނަ އުނި ސިފަތަކަށްވުރެ ބޮޑަށް މިއަދު އިސްކަންދޭންވީ ގައުމުގެ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާ ނޫސްވެރިކަން ހިމާޔަތްކުރުމަށެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިއަދު އެ ބޭފުޅުން އެކުގައި ތިއްބެވީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި، ހަމައެކަނި ބޭނުމަކީ ނޫސްވެރިންނަށް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ތަފާތު ފިކުރުގެ ތިން ރައީސުން އެއް މޭޒެއްގެ ދޮށުގައި، ނޫސްވެރިކަމުގެ ހައްގުގައި ވާހަކަދެއްކެވި ފާހަގަކޮށްލެވޭ ފުރަތަމަ ފަހަރެވެ. ތިން ރައީސުން ވެސް ވަނީ ނޫސްވެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.




