
ފުލުހުން ޝީލްޑާއެކު މަގު ބްލޮކް ކުރުމުން ރަސްފަންނު ސަރަހައްދަށް ދާން ބޭނުންވާ ކަމަށާއި އެ ސަރަހައްދަކީ މުޒާހަރާ ކުރުން ހުއްދަ ސަރަހައްދެއް ކަމަށްބުނެ އެތަނުގައި ތިބި މީހުން އަޑު އުފުލިއެވެ. އަދި ރައީސުންގެ ސެކިއުރިޓީގެ ގޮތުގައި ތިއްބެވި އެމްއެންޑީއެފްގެ ބޭފުޅުންވެސް ފުލުހުންނާ ވާހަކަ ތަކެއް ދެއްކެވިއެވެ. އެހެންނަމަވެސް ފުލުހުން ޖާގަ ދީފައެއް ނުވެއެވެ.
ގާނޫނަށް ގެނައި ބަދަލުގެ ދަށުން މާލޭގައި ހުއްދަ ހޯދުމަކާ ނުލާ މުޒާހަރާ ކުރެވޭ ސަރަހައްދުތަކުގެ ތެރޭގައި ރަސްފަންނު ހިމެނެ އެވެ.
ފުލުހުން ޖާގަ ނުދެއްވުމާއެކު ރައީސް ޔާމީން، ހެންވޭރާ ވީކޮޅަށް އެނބުރިވަޑައިގަތެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ދިރިއުޅުއްވާ ރައީސް ސޯލިހު ގެ އަށް ވަޑައިގަތުމަށްވެސް ފުލުހުން ފުރުސަތު ނުދީ މުޅި މަގު ބްލޮކްކޮށްފައިވަނިކޮށް ރައީސް ނަޝީދާއި ރައީސް ސޯލިހް އިސްކޮށް ތިއްބަވާ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުރިއަށް ވަޑައިގަތެވެ.
ފުލުހުން މަގު ބްލޮކްކޮށްފައި އޮތުމުން، ރައީސް ސޯލިހު ގެއަށް ވަޑައިގަތުމަށާއި ރައީސް ނަޝީދު ކާރު އޮތީ ރަސްފަންނު ސަރަހައްދުގައި ކަމަށް ބުނެ އެ ދެ ބޭފުޅުންނަށް ޖާގަ ދިނުމަށް އާންމުން ގޮވަމުން ދިޔައެވެ. އެހެންނަމަވެސް ފުލުހުން އެޖާގަ ނުދިނުމުން އާންމުން ފުލުހުންގެ ޝީލްޑްތައް ކޮއްޕާ ދުރައް ޖެއްސުމަށްފަހު ޖާގަ ހޯދައި ކުރިއަށް ދިޔައެވެ.
ރައީސް ނަޝީދާއި ސޯލިހު ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ އާންމުން އެދެބޭފުޅުންގެ ފަހަތުން ނޫސްވެރިން ދޫކޮށްލުމަށާއެކު، ސަރުކާރާ ދެކޮޅު ޝުއޫރުތައް ފަޅުކުރިއެވެ.
ވަކި ހިސާބަކުން ރައީސް ސޯލިހު ހިންގަވާފައި ވަޑައިގަތީ އެ ސަރަހައްދުގައި ހުންނަ އެ މަނިކުފާނު ދިރިއުޅުއްވާ ގެއަށެވެ. ރައީސް ނަޝީދު އާންމުންގެ ކުރީގައި ހުންނަވާ ރަސްފަންނު ސަރަހައްދުން އެމަނިކުފާނުގެ ކާރުގައި ވަޑައިގަތީ އެވެ.
އެސަރަހައްދުގައި ތިބި އާންމުން ސަރުކާރާ ދެކޮޅު ޝުއޫރުތައް ފާޅުކުރަމުން، ނޫސްވެރިން ދޫކޮށްލުމަށް ގޮވާލަމުން ބޮޑުތަކުރުފާނު މަގުން ކުރިއަށް ދިޔައެވެ.
މެރީބްރައުން ސަރަހައްދުން ފުލުހުން މަގުގެ ދެކޮޅުން ޝީލްޑް ޖަހައި ބައްދާލައި، އެތަނުގައި ތިބި އެންމެން އެ ސަރަހައްދު ދޫކޮށްދާން އަމުރުކުރިއެވެ. އަދި އަޑުގަދަކުރަން ގެންގުޅުނު މެގަފޯނު އަތުލައި ބައެއް މީހުން ހައްޔަރުކުރިއެވެ. އެހެންނަމަވެސް، އޭރު ހައްޔަރުކުރި އެންމެންވެސް ރޭ މެންދަމުގެ ވަގުތެއްގައި ދޫކޮށްލިއެވެ.




