ތިން ރައީސުންގެ މަންދޫބުން މިއަދުގެ ބައްދަލުވުމުގައި.-- ފޮޓޯ: ސޯޝަލްމީޑިއާ
ތިން ރައީސުންގެ ޓީމުން ބުނީ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށް
ޖުނާން އަޙުމަދު 18 މޭ 2026 (ހޯމަ)   14:53
ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދުއާއި އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި މި ސަރުކާރުން ކުރަމުންދާ ކަންކަމާ ދެކޮޅަށް ތެދުވުމަށް ފަށާ މަސައްކަތްތަކުގައި ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ތިން ރައީސުންގެ މަންދޫބުން ހާމަކޮށްފިއެވެ.

ތިން ރައީސުންގެ މަންދޫބުންގެ ފުރަތަމަ ބައްދަލުވުން އޮތީ މިއަދު 11:30 ގައި މާލޭގައި ހުންނަ މެންހެޓަން ބިޒްނަސް ހޮޓަލުގައެވެ. އެއަށް ފަހު ނޫސްވެރިންނަށް ދިން ކުރު އިންޓަވިއުއެއްގައި އެ ކޮމިޓީގައި ނަޝީދު ތަމްސީލު ކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އެ މައްސަލަތައް ޕާޓީތަކާ ހަމައަށް ރައީސުން ގެންދަވާނެކަން ހާމަކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ޕާޓީތަކަށް މި މައްސަލަތައް ގެންގޮސްގެން ޕާޓީތަކުން، އަޅުގަނޑުމެންގެ ތެރޭގައި ވާހަކަ ދެކެވިގެން ކުރިއަށްދާނެ ގޮތްތަކެއް (ހޯދާނީ)،" ފައްޔާޒު ވިދާޅުވި އެވެ.

ނަޝީދާއި ސޯލިހު ނިސްބަތްވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. ޔާމީން ނިސްބަތްވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށެވެ. ތިން ރައީސުން ހުށަހެޅި ކަންކަން ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް އަދި ޕީއެންއެފްގެ ސެނެޓުގެ ރުހުން ހޯދާނެ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑުމެންގެ އުންމީދު ވަރަށް ބޮޑު މިހާރު މިދާ ދިމާލުން ރަނގަޅު ކުރުމަށް، ރަނގަޅު މަސައްކަތްތަކެއް އަޅުގަނޑުމެން އިދިކޮޅު ފަރާތްތައް އެއްކޮށް ކުރެވޭނެ ކަމަށް،" ރައީސް ސޯލިހު ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މީޑިއާތަކަށް އިތުރު އަޕްޑޭޓުތައް ދެމުންދާނެ ކަމަށްވެސް މަންދޫބުންގެ ފަރާތުން މިއަދު ހާމަކުރެއްވިއެވެ.

ފައްޔާޒުގެ އިތުރުން އެ ކޮމިޓީގައި ނަޝީދު ތަމްސީލު ކުރައްވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެވެ. ސޯލިހުގެ ފަރާތުން ބައިވެރިވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ޔާމީންގެ ފަރާތުން ބައިވެރިވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި މާލެ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު އެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ތިން ރައީސުން އެކުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ތިން ރައީސުން ވަނީ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ނިންމާފަ އެވެ.

ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން އިސްލާހުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ތިން ރައީސުން އެ ރޭ ގޮވާލެއްވި އެވެ.

ތިން ރައީސުން ސޮއިކުރައްވާފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ސަރުކާރުން ފާޅުގައި އަރައިގަނެ، ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި މަޖިލީހާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.

އޭގެ އިތުރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިން ޖަލަށްލުމާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.

އެ ކަންކަން އިސްލާހުކުރަން ސަރުކާރުން ނުކުޅެދިފައިވާ ކަމަށާއި އަދި ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނަތްތެރިކަމާ އެކު ބަލަހައްޓާނެކަމުގެ އިތުބާރު ވެސް ގެއްލިފައިވާ ކަމަށް ލިޔުމުގައިވެ އެވެ.

"އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖޭން ފޮހެވިގެންދިޔުމާ އެކު ގައުމު ހަމަ މަގަށް އެޅުވުމަށް ތިން މީހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފަ،" އެއްބަސްވުމުގައިވެއެވެ.

އެއްބަސްވުމުގެ ދަށުން ފުރަތަމަ ކަމަކަށް ތިން ރައީސުން ގޮވާލާފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފުވުމުގެ ކުށުގައި ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި އެކަމާ ދެކޮޅަށް އަޑުއުފަލައިގެން ހައްޔަރުކުރި މީހުން ދޫކޮށްލުމަށެވެ. އަދި އަދަދުގެ ނޫހުގެ ދެ ނޫސްވެރިއަކަށް ހިންގާ ޝަރީއަތް ހުއްޓާލަން ވެސް ތިން ރައީސުން ގޮވާލެއްވިއެވެ.

ކޮމެންޓް