މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ - ފޮޓޯ:މީރާ
ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި 50 މިލިޔަން ރުފިޔާ ލިބިއްޖެ
ޖުނާން އަޙުމަދު 16 މޭ 2026 (ހޮނިހިރު)   15:24
މުދަލު ޒަކާތުގެ ގޮތުގައި, އަހަރުގެ މިހާތަނަށް 50.7 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާ (ދައުލަތުގެ ޓެކްސް އިދާރާ) އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 50.7 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 46.6 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 8.7 އިންސައްތައިގެ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިއަހަރުގެ ފެބުރުވަރީ މަހު ލިބިފައިވާއިރު، އެ މަހު ލިބިފައިވަނީ، 11.8 މިލިޔަން ރުފިޔާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން، ޖަނަވަރީ މަހު 6.05 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ފެބުރުވަރީ މަހު 11.8 މިލިޔަން ރުފިޔާ

އަދި މާރިޗު މަހު 27.4 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. އަދި އެޕްރީލް މަހު ލިބިފައިވަނީ، 5.4 މިލިޔަން ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެގޮތުން މިދިޔަ އެޕްރީލް މަހުގެ 21ވަނަ ދުވަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ ރިހީގެ ގުރާމަކަށް 36.70 ރޭޓުން 595 ގުރާމަށްވާ 21،836.50 ކަމުގައި ކަނޑައަޅާފައެވެ.

ބާޒާރުގައި ރަނާއި، ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި، ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެއެވެ.

ކޮމެންޓް