ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމުގެ ތެރެއިން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ގޮވާމުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މާލެ ސަރަހައްދުގައި ހުޅުވާލަނީ
މަރްޔަމް މުޙައްމަދު 12 މާރޗް 2026 (ބުރާސްފަތި)   14:16
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މާލެ ސަރަހައްދުގައި އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކޮށްފިއެވެ.

މާލެ ސަރަހައްދުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައި ގަންނާނެ ކަން ހާމަކޮށް ޒަކާތު ހައުސް އިން ބުނީ، 15 މާރިޗުވާ ހޮނިހިރު ދުވަހާއި 15 މާރިޗުވާ އާދިއްތަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަމަށެވެ.

އަދި 16 މާރިޗުވާ ހޯމަ ދުވަހުގެ ހެނދުނު 10:00ން މެންދުރު 12:00ށް އަދި މެންދުރު 13:00ން 15:00ށް ގޮވާމުން ޒަކާތް ބަލައި ގަންނާނެ ކަން ހާމަކޮށް ޒަކާތު ހައުސް އިން ބުނެފައިވަނީ، ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަމުން ދާނީ ސީއެޗްއެސްއީ ހޯލްގައި ކަމަށެވެ.

ހަތް ޕްލެޓުފޯމެއް މެދުވެރިކޮށްގެން، ޒަކާތު ހައުސް އިން އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން އަންނައިރު، ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސިން އިން ބުނެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރު ކަމަށް ވާއިރު، ގޮވާމުން ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށުންނެވެ.

ކޮމެންޓް