ޑރ.މުޙައްމަދު މާހިދު ޝަރީފު، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސް.--
ކޮމްޕްލެއިންޓްސް ބިއުރޯގެ ވެރިޔަކަށް މިނިސްޓަރުގެ ފެންވަރުގައި މާހިދު
ޖުނާން އަޙުމަދު 21 މޭ 2026 (ބުރާސްފަތި)   15:28
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަގާމަށް، މިނިސްޓަރުގެ ފެންވަރުގައި، ޑރ. މުޙައްމަދު މާހިދު ޝަރީފު އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރިގޮތުގައި އޭނާ އެ މަގާމަށް އައްޔަންކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މާހިދަކީ މީގެ ކުރިން ވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ކުރައްވާފައިވެ އެވެ

އަދި ރައީސް އޮފީހުގެ ޢައްޔަންކުރެއްވުމާ ހަމައަށް މާހިދު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ސީއީއޯގެ މަގާމުގަ އެވެ.

މާހިދަކީ ޑޮކްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވައި، ޕަބްލިކް ސެކްޓަ މެނޭޖްމަންޓްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކު ރައްވާފައިވާ ބޭފުޅެކެވެ.

މާހިދުގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ގާއިމުކުރި އޮފީހެކެވެ.

އެ ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށް ދިނުމެވެ.

އާންމުންގެ ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އެއް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް އިއުލާން ކުރެއްވީ، ރިޔާސީ ބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން 5 ފެބުރުވަރީ 2026 ވަނަ ދުވަހުއެވެ. ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަމުގައި އާ އިދާރާއެއް ސަރުކާރުން އުފެއްދީ 16 އެޕްރީލް 2026 ގައެވެ.

ކޮމެންޓް