
ނިމިދިޔަ ހަފުތާގެ ތެރޭގައި, މިނިސްޓަރެއްގެ ފެންވަރުގައި ނާޒިމް އައްޔަން ކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ނާޒިމް މި ސަރުކާރުގައި ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ އިސް މަގާމެއްގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ 2024 ސެޕްޓެމްބަރު 30 ގައެވެ.
ނާޒިމް ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރެފަރަންޑަމް ވޯޓްގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި އެ މަހުގެ 14 ވަނަ ދުވަހުއެވެ.
ގިނަ މިނިސްޓަރުންތަކެއް އެ ދުވަހު އިސްތިއުފާ ދެއްވިއިރު އޭގެ ތެރެއިން ބައެއް ބޭފުޅުން އެކި މަގާމުތަކަށް ހަމަޖައްސާފައި ވެއެވެ.
އެގޮތުން ލޯކަލް ގަވަރުމަންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރު ސަފީރަކަށް އައްޔަން ކުރައްވަން ނިންމާފައި ވާއިރު, އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރަކަށް އައްޔަން ކުރުމަށް ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އެދެބޭފުޅުން މަގާމަށް އައްޔަނުކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައެވެ.




