މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެންސީ
އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ، އެ ފުރުސަތެއް ނުދޭނަން: އަބްދުއްރަހީމް
މަރްޔަމް މުޙައްމަދު 24 މޭ 2026 (އާދީއްތަ)   07:27
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށާއި، އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގައި ރޭ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ޕީއެންސީ ކެންޑިޑޭޓް އަހްމަދު ސައީދުގެ ކެމްޕޭން ލޯންޗިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކައަށް އަބްދުއްރަހީމް ދެއްވި ރައްދެކެވެ.

ނަޝީދު ވަނީ، މިއަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރާނީ ސޯބެ އެ މަގާމަށް ހޮވުމަށްފަހު، ސޯބެގެ ބައިވެރިވުމާއެކުކަން މިދިޔަ ހަފްތާގައި މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދެއްކިޔަސް އެ ފުރުސަތު މަޖިލީހުގެ ތެރެއިން ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެއޭ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،" މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ތިބީ އެމްޑީޕީއާ އެކު ނޫން ކަމަށާއި، ރައްޔިތުން ތިބީ ރައީސް މުއިއްޒާއި މި ސަރުކާރާ އެކު ކަމަށެވެ. އެހެންކަމާއެކު، މަޖިލީހަށް ހޮވަންވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާނެ މެންބަރުން ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީން ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރާ މަސައްކަތްތަކާ ގުޅިގެން ސޯބެ އަށް ވެސް ކުރެވޭނެ އިތުރު މަސައްކަތްތަކެއް ނެތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރެއަކުންނެއް ސަރުކާރު ޖަވާބުދާރީކުރުވުމަށް މާބޮޑު މަސައްކަތެއް މިހާރު އެމްޑީޕީގައި ތިއްބެވި މެމްބަރުންނަކަށް ނުކުރެވޭ. ނުކުރައްވާ. އޭގެ ތެރެއަށް އަބްދުﷲ ސޯދިގު ވަޑައިގެން އިތުރަށް ކުރެވޭނެ ކަމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އައްޑޫ މީހުން ބޭނުންވަނީ ތަރައްގީ އާއި ކުރިއެރުމާއި ހަމަޖެހުމާއި ރައްކާތެރިކަމުގެ އިތުރުން އުފާވެރިކަން ކަމަށާއި އެކަން ކުރެވޭނީ ހަމައެކަނި ޕީއެންސީ އަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު ސޯބެ އާއި ޕީއެންސީގެ ސައީދު އެވެ.

ކޮމެންޓް