ޕީއެންސީ ޖަގަހައިގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހް، ނޫސްވެރިންގެ ދިފާއުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވާފައި ވަނިކޮށެވެ. ތިން ރައީސުން އެކުގައި ބާއްވާ ފުރަތަމަ ބައްދަލުވުން މިރޭ ބާއްވާނެކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޑިމޮކްރަސީގެ ކަންކަމުގައި ރާއްޖޭގައި މިވަގުތު މަދުވަނީ ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާނެ އިދިކޮޅު ޕާޓީއެއް ކަމަށެވެ. ބަތް ކައްކާ އަދި ދެއުޅިއެއް ނުވާ ބަޔަކާ އެކު ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށާއި އިދިކޮޅުގައި ތިބީ ފެއިލިއަރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"...އެކަކު އަނެކަކުގެ ކަރުގައި ހިފައި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔާފައި ވާހަކަ ދައްކާއިރު ހުސް ފެއިލިއަރުން މި ތިބީ. ހުސް ފޭލިއަރުން ނުކުމެ ގައުމުގެ ވާހަކަ ދެއްކީމަ އަޅުގަނޑު ހިތުން އަޅުގަނޑުމެން ޒުވާން ކުދިން މިކަން އެނަލައިޒް ކޮށްލާއިރު ދޭ ވިލް ބީ ވެރީ ހަމަ ޑިޕްރެސްޑް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ކުރީގެ ވެރިކަންތަކުގައި ހިނގި ބައެއް ކަންކަމުގެ ވާހަކަ ދައްކަވައި ކުރީ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޔާމީންގެ ނަން ވިދާޅުނުވެ، ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވެ މުއިއްޒު ވިދާޅުވީ، ކިރިޔާ މީހަކު ބުނެލާ ބަހަކުން ޖަލަށް ލީ ދުވަސް ވެސް މާޒީގައި ފެނުނު ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގި ކަމަށެވެ. ނަމަވެސް، ގައުމުގައި އޮތީ އަނިޔާވެރިކަމާއި ކޮރަޕްޝަން ކަމަށާއި ސިޔާސީ އެންމެން ލީ ޖަލަށް ކަމަށް ކުރީގެ ތިން ރައީސުންނަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
"ތަރައްގީ ކުރިޔަސް ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސިޔާސީ ހުރިހާ އެންމެން ޖަލުގައި. ޓްރެކް ރިކޯޑް މި އޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭވެފައި." މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑުގެ ތެރޭގައި ހިންގި ވެންޓިލޭޓަރުގެ "ވައްކަން" ހަނދާން ނެތޭހާ ދުވަހެއް ނުވާ ކަމަށާއި ކަމާގުޅޭ އިދާރާތަކުން އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވެ އެމްޑީޕީގެ ވެރިކަމަށް ފާޑު ވިދާޅުވި އެވެ.
އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އާއްމުންނަށް ހައްގު ހޯދައިދިނުމަށް ކަމާގުޅޭ ފަރާތްތަކަށް މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.




