
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އަމުރު ނެރެފައިވަނީ 2026 މެއި 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މާލެ ފިޔަވާ އެހެން ރަށެއްގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ކޯޓުން އަމުރުކުރި ފުރަތަމަ ފަހަރެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެ ގޮތަށް ބަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށް އަމަލުކުރަން ފެށީ 2026 މާޗު 7 ގައެވެ.
ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100،000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެކެވެ. އަދި މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގޭ ހާލު އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރިވާނެ ކަމެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށް، އެ ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެއެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
މިފަދަ ފުރަތަމަ އަމުރެއް ކޯޓުން ނެރުނީ މި މެއި މަހުގެ ކުރީ ކޮޅު، ކ.މާލެ/ހ.ގުންޒަރު ބަންދު ކުރުމަށެވެ. އެ ތަން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މެއި 5 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ.
ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަން ބަންދުކުރަން ކޯޓުން ކުރި އަމުރުގެ މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށެވެ.




